20 އަހަރަށްފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ގުޅުމަށް އާ ޒަމާނެއް ގެނެސްދިން ސްކައިޕް އިންޓަނެޓް ކޯލިންގ ސަރވިސް 2025 މޭ މަހު ނިމުމަކަށް އަންނާނެ ކަމަށް މި ސަރވިސްގެ ވެރިފަރާތް މައިކްރޮސޮފްޓުން ހާމަކޮށްފިއެވެ.
މައިކްރޮސޮފްޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސްކައިޕް ނިމުމަކަށް ގެނައުމުން އެ ކުންފުނީގެ މުވާސަލާތީ ޚިދުމަތްތައް ހަރުދަނާކޮށް، ޓީމްސް ސަރވިސްއަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމަށް މަގުފަހިވާނެއެވެ.
2003 ވަނަ އަހަރު ފެށުނު ސްކައިޕްގެ ހެޔޮ އަގުގައި ލިބޭ އޯޑިއޯ އަދި ވީޑިއޯ ކޯލްތަކުން، 2000 ގެ އަހަރުތަކުގެ ކުރީކޮޅު ލޭންޑްލައިން އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިނެވެ. އެންމެ މަޝްހޫރު ދުވަސްވަރު ސަތޭކަ މިލިއަނަށްވުރެ ގިނަ ބޭނުންކުރާ ފަރާތްތައް ލިބި، ގޭބިސީތަކުގެ ތެރޭގައި ވަރަށް މަޤުބޫލު ޚިދުމަތަކަށް ވެފައިވެއެވެ. ނަމަވެސް ފަހަކަށް އައިސް ޒޫމް އަދި ސޭލްސްފޯސްގެ ސްލެކް ފަދަ ފަސޭހައިން ބޭނުންކުރެވޭ އަދި އިތުބާރުހުރި ވާދަވެރިންނާ ކުރިމަތިލާން ސްކައިޕަށް ދަތިވެފައިވެއެވެ.
ސްކައިޕްގެ ބަލިކަށިކަން ފެންނަން ފެށީ، އޭގެ ޓެކްނޮލޮޖީ ސްމާޓްފޯން ޒަމާނަށް އެކަށީގެންވާ ގޮތަށް ބައްޓަންކުރެވިފައި ނެތުމުންނެވެ.
ކޮވިޑް-19 ބަލިމަޑުކަމާއެކު ގޭގައި މަސައްކަތްކުރުން އާންމުވެ، އޮންލައިން ވިޔަފާރި ބައްދަލުވުންތަކަށް ބޭނުން އިތުރުވިއިރު، މައިކްރޮސޮފްޓުން ޓީމްސް ޚިދުމަތް އޮފީސް އެޕްލިކޭޝަންތަކާއެކު އެއްކޮށް، ވިޔަފާރި ބޭނުންކުރާ ފަރާތްތަކަށް – ކުރިން ސްކައިޕްގެ މައިގަނޑު ބޭނުންކުރާ ފަރާތްތަކަށް – އަމާޒުކޮށް ވަރުގަދަ މާކެޓިންގ ކެމްޕޭނެއް ހިންގިއެވެ.
ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް ޓީމްސްއަށް ބަދަލުވުން ފަސޭހަކުރުމަށް، މިހާރު ބޭނުންކުރާ ލޮގިން ތަފްސީލުތައް ބޭނުންކޮށްގެން ހިލޭ ޓީމްސްއަށް ވަދެވޭނެއެވެ. އަދި ހުރިހާ ޗެޓްތަކާއި ކޮންޓެކްޓްތައް އަމިއްލައަށް ޓީމްސްއަށް ބަދަލުވާނެއެވެ.
މިއާއެކު ސްކައިޕަކީ މައިކްރޮސޮފްޓުން ހުއްޓާލި މުހިންމު ޕްރޮޑަކްޓްތަކުގެ ތެރެއިން އެއް ޕްރޮޑަކްޓަށް ވާނެއެވެ. މީގެ ކުރިން އިންޓަނެޓް އެކްސްޕްލޯރަރ ވެބް ބްރައުޒަރ އަދި ވިންޑޯސް ފޯން ފަދަ މަޝްހޫރު ޕްރޮޑަކްޓްތައް ނިމުމަކަށް ގެނެސްފައިވެއެވެ. އެހެނިހެން ބޮޑެތި ޓެކް ކުންފުނިތަކުންވެސް އޮންލައިން މުވާސަލާތީ ޚިދުމަތްތަކާއެކު ދަތިތަކާ ކުރިމަތިލާފައިވެއެވެ. މިގޮތުން ގޫގުލްއިން ހޭންގްއައުޓްސް އަދި ޑުއޯ ފަދަ އެޕްލިކޭޝަންތައް ތަޢާރަފްކޮށްފައިވެއެވެ.
2011 ވަނަ އަހަރު މައިކްރޮސޮފްޓުން ސްކައިޕް ގަތީ ގޫގުލް އަދި ފޭސްބުކް ފަދަ ކުންފުނިތަކާ ވާދަކޮށް، 8.5 ބިލިއަން ޑޮލަރަށެވެ. މިއީ އެއިރު މައިކްރޮސޮފްޓުގެ އެންމެ ބޮޑު އެއް ވިޔަފާރި މުޢާމަލާތެވެ. އެއިރު ސްކައިޕް ބޭނުންކުރަމުން ދިޔައީ މަހަކު 150 މިލިއަން މީހުންނެވެ. ނަމަވެސް، 2020 އާ ހަމައަށް އެ އަދަދު ވަނީ 23 މިލިއަނަށް ދަށްވެފައެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މަދު މުއްދަތަކަށް ސްކައިޕްގެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވި ނަމަވެސް، އެއަށްފަހު އަދަދު ދަށަށް ދިޔައެވެ.
ހުކުރު ދުވަހު ނެރުނު ބަޔާނުގައި މައިކްރޮސޮފްޓުން ބުނެފައިވަނީ "ސްކައިޕަކީ ޒަމާނީ މުވާސަލާތު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި ޚިދުމަތެކެވެ."
"މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ޝަރަފެކެވެ."