ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޮރ ޓްރެއިންނިންގ އެންޑް ރިސާރޗް (UNITAR) ގެ އެހީގައި ހިނގް ދިޕްލޮމަސީ ކޯހުގެ ދަރިވަރުންނަށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޚާއްސަ ސެޝަނެއް ނަންގަވައިދެއްވައިފިއެވެ. މި ސެޝަނުގެ ޚަބަރު ޝާހިދު ހާމަކުރެއްވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
"ދަ އާޓް އޮފް ސްޕީޗްރައިޓިން" މި މައުޟޫއަށް ޝާހިދު ނަންގަވައިދެއްވި މި ސެޝަނުގައި ބައިވެރިވެވަޑައިގެންނެވީ ހާރިޖީ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވަމުންދާ ދަރިވަރުންނެވެ. ސެޝަނުގައި ޝާހިދު ވަނީ އޭނާގެ މުއްސަނދި ތަޖުރިބާތައް ދަރިވަރުންނާ ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ފޮރިން މިނިސްޓަރުކަމުގެ މަޤާމުގައި ހޭދަކުރެއްވި ދުވަސްތަކާއި، ޔޫއެންޖީއޭގެ ރައީސްކަމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތަކުގެ ވާހަކަ ހިމެނެއެވެ.
އަދި ހަމައެއާއެކު، ހާރިޖީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ހޯދުމުގައި މަޝްވަރާގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހާރިޖީ ދާއިރާއިން އެންމެ ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެއް ބޭފުޅަކީ ޢަބްދުﷲ ޝާހިދެވެ. އެގޮތުން، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ފުރުއްވި ފުރަތަމަ އަދި މިހާތަނަށް ހަމައެކަނި ދިވެއްސަކީވެސް ޝާހިދެވެ.
ޝާހިދަކީ ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މިހާރުގެ ރައީސްވެސްމެއެވެ.