ދިވެހިރާއްޖެއަކީ، އިގްތިސާދީ ގޮތުން ބަލިކަށި، އަދި އެހާމެ ނާޒުކު އިގްތިސާދެއް އޮތް ގައުމެކެވެ. ނުހަނު ޟައީފު ސިނާއަތެއްގެ މައްޗަށް އިގްތިސާދު މުޅިންހެން ބިނާވާން ޖެހުމުގެ ނަތީޖާއަކަށް ވެފައިވަނީ، ދުނިޔެއަށް އިގްތިސާދީ ގޮތުން ނަމަވެސް، ސިޔާސީ ގޮތުންނަމަވެސް، އަދި ސިއްޙީ ގޮތުން ނަމަވެސް، އަންނަ ކޮންމެ ރޯޅިއެއްގެ އަސަރު ރާއްޖޭގެ އިގްތިސާދަށް އެންމެ ނޭދެވޭގޮތަށް ކުރުމުގެ ދޮރު އޮންނަނީ އިންތިހާއަށް ހުޅުވިފައެވެ.
އަދި، އެއްވެސް ސަރުކާރަކުން، އިގްތިސާދީ އާ ސިނާއަތްތައް ވުޖޫދުކުރުމަށް އާ މަސައްކަތްތަކެއް ނުކޮށް، އިގްތިސާދީ ގޮތުން ފެންނާން ހުރި މަދުވަސީލަތްތަކުން، ދިޔަ ފެލާލައިގެން، ގައުމުގެ ހުރިހާ މުހުތާދުތަކެއް ދެކޮޅު ޖައްސަމަން ގެންދިއުމުގެ ނަތީޖާއަކަށް ވެގެންދަނީ، ދުނިޔެއަށް ގުދުރަތީ ގޮތުން ނަމަވެސް، ނުވަތަ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ ބޮޑެތި މައްސަލަތަކުގެ ސަބަބުން ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ހިފަހައްޓާ ނުލެވޭވަރުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހުމެވެ.
ފަތުރުވެރިކަމުން ލިބޭ ނަފާވެރިކަމުން ގައުމު ހިންގާލެވޭތީ، އެ ސިނާއާތުން ލިބޭ ފައިސާކޮޅުން ގައުމު ހިންގާލަ ހިންގާލަ ތިބޭބައެއްގެ ގޮތުގައި އަޅުގަޑުމެން ދެމިތިބޭތާ އެތަކެއް ޒަމާންތަކެއް ފާއިތު ވެއްޖެއެވެ.
2020 ވަނަ އަހަރު ނިމި، އާއަހަރަކަށް އަޅުގަޑުމެން ކުރިމަތިލާއިރު، 2020 އަޅުގަޑުމެންނަށް ދަސްކޮށްދިން ފިލާވަޅަކީ، މި އުސޫލު ދޫކޮށްލަން ޖެހޭކަމުގެ ފިލާވަޅެވެ. ހިހޫތަނުން ކައިގެން ތާއަބަދު ނުތިބެ، ފުޑާ ނުލެވޭނެ ވަރުގެ އިގްތިސާދެއް ބިނާ ކުރުމުގެ ވިސްނުން ގެންނަން ވެއްޖެކަމުގެ ފިލާވަޅެވެ.
2020 ވަނަ އަހަރު ފެށިގެން އައީ ފާގަތިކޮށް
2020 ވަނަ އަހަރަށް ލަފާ ކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އޭރު ލަފާ ކުރެއްވީ 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދުން %7.5 އިން ކުރި އަރާނެ ކަމަށެވެ. މިނިސްބަތުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެއްވި މައިގަޑު ސަބަބެއްކަމުގައި ފިނޭންސް މިނިސްޓަރު އޭރު ފާހަގަ ކުރެއްވީ، ކުރިޔަށް އޮތް 3 އަހަރުވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަލުއިކަމާއެކު ކުރިއަރާނެ ކަމަށް ލަފާ ކުރައްވަމުންނެވެ.
އަދި މީގެއިތުރުން، 2020 ވަނަ އަހަރަކީ، ސަރުކާރުން ރާވާފައި ހުރި ބޮޑެތި، ގިނަ މަޝްރޫޢުތަކުގެ ފައިދާ އިމާރާތްކުރުމުގެ ދާއިރާއަށާއި ގުޅިފައިހުރި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ އަހަރެއް ކަމަށް ބައްލަވާ، ފިނޭންސް މިނިސްޓަރު އޭރު އަންދާޒާ ކުރައްވާފައިވަނީ، %0.1 ހިފެހެއްޓިފައި ހުރި އިންފްލޭޝަންވެސް އެންމެ މަތިވެގެންވެސް 2020 ވަނަ އަހަރު ހުންނާނާނީ %1 ގައި ކަމަށެވެ.
2019 ވަނަ އަހަރު ނިމިގެންދިޔައިރު ރާއްޖޭގެ ރިޒާވްގައި ހުންނާނެކަމަށް ބެލެވުނު 636 މިލިއަން އެމެރިކާ ޑޮލަރު، 2020 ވަނަ އަހަރު ނިމޭއިރު 819 މިލިއަން އެމެރިކާ ޑޮލަރަށް މަތިވެގެންދާނެ ކަމަށް ލަފާ ކުރެއްވިއެވެ. އަދި 2020 އަހަރާއި ކުރިމަތި ލީއިރު، ސަރުކާރުން އޭރު އަމާޒު ހިފާފައިވަނީ، ދައުލަތުގެ ރަސްމީ ރިޒާވް 2023 ވަނަ އަހަރު (ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ދައުރު) ނިމޭއިރު 1 ބިލިއަން ޑޮލަރަށް އިތުރު ކުރެއްވުން ކަމުގައިވެސް، އޭރު ފިނޭންސް މިނިސްޓަރު ވިދާޅު ވެފައިވެއެވެ.
2019 ވަނަ އަހަރު ނިމި، 2020 ވަނަ އަހަރާއި ކުރިމަތި ލީއިރު، ބަޖެޓްގެ ދަރަނި 5.0 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އޭރު އަންދާޒާ ކުރެއްވިއިރު، އެއަހަރު ނިމި 2020އާއި ކުރިމަތިލާއިރު މުޅި ދައުލަތުގެ ދަރަނި ހުންނާނެކަމަށް ސަރުކާރުން އޭރު ހިސާބު ޖައްސަވާފައިވަނީ، 52.5 ބިލިއަން ރުފިޔާގައެވެ.
އަދި، 2020 އަހަރާއި ކުރިމަތި ލީއިރު، އޭރު ފިނޭންސް މިނިސްޓަރު ކުރެއްސެވި ހިސާބުތައް ދައްކާގޮތުން، 2020 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެއްވީ 5.7 ބިލިއަން ރުފިޔާއިންނެވެ. އަދި އާއަހަރަކާއި ކުރިމަތިލުމަށް އޭރު ކުރެވުނު އުއްމީދުތަކަށް ލިބިގެން ދިޔަ އެންމެބޮޑު ހިންހަމަ ޖެހުމަކަށްވީ، 2019 ވަނަ އަހަރު ނިމޭރިއިރު، ޖީޑީޕީގެ ނިސްބަތުން %59.8 ގައި ހުންނާނެ ކަމަށް ލަފާކުރެވުނު ދައުލަތުގެ ދަރަނި، 2020 ވަނަ އަހަރު ނިމޭއިރު، %58.4 ގައި ހުންނާނޭ ކަމަށް ދައުލަތުން އޭރު ލަފާ ކޮށްފައި އޮތުމެވެ.
2020 ވަނަ އަހަރަކީ، ބުރިޖެއް އެޅުމަށް މިސަރުކާރުންވެސް ވީ ވައުދު ފުއްދުމަށްޓަކާ، މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެ ބުރިޖެއްގެ މަސައްކަތް ފެށުމަށް ޕްލޭން ކުރެއްވި އަހަރެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި 412 މިލިއަން ރުފިޔާ އޭރު ހިމަނުއްވައިގެ 2020 އަހަރަށް މިސަރުކާރުން ކުރަމުންދިޔައީ އިގްތިސާދީ ފޮނި އުއްމީދުތަކެކެވެ.
2020 ވަނަ އަހަރުގެ ބަޖެޓުން ފެނުނު މަންޒަރު
ފިނޭންސް މިނިސްޓަރު، ފާއިތުވެދިޔަ ނޮވެމްބަރުމަހު، މަޖިލީހަށް ހުށަހެޅުއްވި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ކޯވިޑް ކާރިސާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރު ވަރަށް ރަގަޅަށް ސިފަވެގެން ދިޔައެވެ.
މަޖިލީހަށް، 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ކޯވިޑ19 ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، މިހިގާ 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު، %29.3 އިން ކުޑަވެފައި ވާކަމުގައެވެ.
ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރު ފެށުނު އިރު، ރާއްޖޭގެ ޓުއަރިޒްމްގެ ގްރޯތު ރޭޓް ޑަބަލް ޑިޖިޓްގައި ހުރިކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން މުޅިން ހުއްޓުމަކަށް އައި އައުމުގެ ނަތީޖާއެއްގެ ގޮތުން، 2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިން އަންނަ މިންވަރު %65 ދަށަށް ދޭނަކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމޭއިރު %68 ދަށަށް ދާނޭކަމަށްވެސް ސަރުކާރުން ލަފާކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދަށް މިއައި ބޮޑު ގޮންޖެހުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ނުދާ މިންވަރަށް ދަށަށް ދާނެކަމަށް ސަރުކާރުން ލަފާ ކުރެއްވިއެވެ. އެއީ 2020 އަހަރު ނިމޭއިރު، %29.3 ގެ ދަށްވުމެކެވެ.
އަދި މީގެއިތުރުން، ފަތުރުވެރިކަމާ މަސްވެރިކަމުގެ ސިނާއަތަށްފަހު، ދެން އެންމެ ބޮޑު ސިނާއަތެއްގެ ގޮތުގައި އޮތް، އިމާރާތްކުރުމުގެ ސިނާއަތު، %11 އިން ދަށަށް ދާނެކަމަށްވެސް އަންދާޒާ ކޮށްފައިވެއެވެ.
މީގެއިތުރުން، ކޯވިޑް19 އިން އަރައިގަތުމަށް ނަގަންޖެހުނު ލޯނުތަކާއި އަދި ކުރަންޖެހުނު ބޮޑު ހޭދައިގެ ނަތީޖާއެއްގެ ގޮތުން ކުރިން ލަފާކުރި ވަރަށްވުރެ މާބޮޑަށްވެސް ބޮޑުތަނުން 2020 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓްވެ މިއަދަދު 15.9 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން އަންދާޒާ ކުރިއެވެ.
އަދި މުޅި ދައުލަތުގެ ދަރަނި، 2021 ވަނަ އަހަރު ނިމޭއިރު، 82.8 ބިލިއަން ރުފިޔާއަށް އަރާ، މި އަދަދު ޖީޑީޕީގެ ނިސްބަތުން %124.8 އަށް އަރާނެކަންވެސް ސަރުކާރުން އިއުލާން ކުރެއްވިއެވެ.
2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބިގެންދިޔަ މިބޮޑެތި ގެއްލުންތައް ގުނާލެވުނީ، ނިސްބަތުން މުޅި ދުނިޔޭގައިވެސް، ގައުމެއްގެ އިގްތިސާދަށް ލިބިގެން ދިޔަ އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައެވެ.
ހަގީގަތުގައިވެސް، ރާއްޖޭގެ އިގްތިސާދު ނިކަމެތިވެ، ބޮޑުތަނުން ފަހަތައް ދަތުރު ކުރީއެވެ. 2019ވަނަ އަހަރު ނިންމާ، ކުރިއަރާނެކަމަށް ލަފާކުރި، އިގްތިސާދު، ކުރިން ހުރި މިންވަރަށްވުރެ %30 ފަހަތަށް ދަތުރު ކުރީއެވެ.
ހުރިހާ އުއްމީދެއް އެކޮޅު ކޮޅުން
ދިވެހިރާއްޖޭގެ އިގްތިސާދަކީ، ނާޒުކު އިގްތިސާދަކަށްވެފަ، އަދި، އަމިއްލަ ގައުމުގައި ގުދުރަތީ ވަސީލަތްތައްވެސް، ގާއިމްވެފައި ނެތުމާއިއެކު، އަބަދުވެސް ގައުމުން ބޭރުގެ ވަސީލަތަތްކަށް ބަރޯސާވަން ޖެހޭ މިންވަރު އޮންނަނީ ނުހަނު ބޮޑުވެފައެވެ.
ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކުން ނިސްބަތުން މުޅި ދުނިޔެއިންވެސް، އެންމެބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހޭ އިގްތިސާދަކަށް ރާއްޖޭގެ އިގްތިސާދު އޮންނަނީ ވެފައެވެ.
މީގެ 16 އަހަރު ކުރިން ޚާއްސަކޮށް، ދެކުނު އޭޝިއާއަށް ކުރިމަތި ވެގެންދިޔަ ސުނާމީ ކާރިސާއިން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގެއްލުމުން އަރައިގަންނަން އެތަކެއް އަހަރުތަކެއް ހޭދަވެގެން ދިޔައެވެ. އަންދާޒާ ކުރެވޭގޮތުގައި، ސުނާމީގެ ކާރިސާއާއި ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް 470 މިލިއަން ޑޮލަރުގެ ގެއްލުން ލިބިގެން ދިޔައެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ %62 އާއި އެއްވަރުގެ އަދަދެކެވެ.
2004ގެ ސުނާމީގެ ކާރިސާއަށްފަހު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާށާއި އަދި އިގްތިސާދަށް ލިބިގެންދިޔަ ބޮޑު ނިކަމެތިކަމުން ފިލާވަޅުތަކެއް އަޅުގަޑުމެންނަށް ހާސިލް ކުރެވުނު ކަމުގައި ބެލެވޭކަށް ނެތެވެ. ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެއްކޮށް ފުޑުފުޑު ކޮށް ނުލެވޭނޭ ބީދައަކުން އިގްތިސާދު ބިނާކުރުމަށް ކުރެވުނު އެއްވެސް ޕްލޭނެއް ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައިވެސް ފެންނާކަށް ނެތެވެ. ދިރުވާ އާލާ ކުރެވުނުހާ ވެސް ވަސީލަތަކީ ފަތުރުވެރި ކަމުގެ ނިޒާމެވެ.
އޭގެ 16 އަހަރުފަހުން، މިފަހަރު ބިންދާލީ އެއަށްވުރެ އެތައް ގުނައެއް ބޮޑު، ބިޔަ، އަދި ގެއްލުންވެސް ބޮޑު ރާޅެކެވެ. ކޯވިޑްގެ އާލަމީ ވަބާއެވެ.
ކޯވިޑް19ގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑު
ކޯވިޑް19ގެ އާލަމީ ވަބާގެ އަސަރު ރާއްޖެއަށްވެސް މިވަބާގެ ވަރަށް ކުރީކޮޅު ވަނީ ކޮށްފައެވެ. މިގޮތުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން ރާއްޖެއިން ފެނުމުގެ މާކުރިންވެސް ސަރުކާރުންވަނީ، ކޯވިޑް19 ރައްޖެއަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކާ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ.
މިގޮތުން އެއަރޕޯޓުން އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ އިތުރުން، ޚާއަސަ ގޮތެއްގައި ރިސޯޓުތަކަށް އަންނަ ފަތުރުވެރިން އަމަލުކުރާނެ ގައިޑްލައިންތައް މި ބަލީގެ ވަރަށް ކުރީ ކޮޅު ސަރުކާރުން އެކަށައެޅުއްވިއެވެ.
މިފިޔަވަޅުތަކާއެކު، ރާއްޖޭގެ ބޯޑަރު ބަންދު ނުކޮށް، ހިފަހައްޓާލެވޭތޯ، ވަރަށް ފަހަކާ ޖެހެންދެން ސަރުކާރުން މަސައްކަތް ކުރެއްވިކަން ފާހަގަ ކޮށްލަން ޖެހެއެވެ. ގަބޫލު ކުރެވޭގޮތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުގެ ބޮޑުކަން ސަރުކާރަށްވެސް އިހުސާސްކުރެވި، މި ބޮޑު ނިންމުން ނިންމަން ސަރުކާރަށް ފަސޭހަ ނުވީއެވެ.
އެހެންނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގެ ގާދޫކޮލުންވެސް އެތެރެއަށް މިވައިރަސް ވަދެ، ފުރަ މާލެއަށްވެސް ހަމަލާ ދިނީއެވެ. މިގޮތުން މާލެއިން އެންމެ ފުރަތަމަ ފަހަރަށް ކޯވިޑް19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ، މިއަހަރުގެ އެޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ހަމައެދުވަހު ސަރުކާރުން މުޅި މާލެ ހިމެނޭ ސަރަހައްދު ލޮކްޑައުން ކުރިއެވެ. އަދި އެއަށްފަހު ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރަން ސަރުކާރަށް މަޖުބޫރުވެ، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރާއްޖޭގެ އިގްތިސާދުގެ މައި ތަބަށް ބޮޑު ލޮޅުންތައް އަރަންފެށިއެވެ.
ރާއްޖޭގެ ހުރިހާ ރިސޯޓުތައް ކަހަލަ ގޮތަކަށް ބަންދުކުރައްވަން ރިސޯޓު އޯނަރުންނަށް މަޖުބޫރު ވެގެން ދިޔައެވެ. އަދި، ރަށްރަށުގައި ހިންގަމުން އަންނަ ގެސްޓު ހައުސްތައްވެސް ބަންދުކޮށް، ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަންނަ ހުރިހާ ދޮރުތަކެއް ކަހަލަ ގޮތަކަށް ބަންދުވިއެވެ.
ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތައް އަދި ސާފުކޮށް އަންދާޒާ ކުރަން ދައްޗެވެ. އެހެންނަމަވެސް، މިހާރު ފެންނަން ހުރި ހިސާބުތަކަަށް ބަލާއިރު، 2020 ވަނަ އަހަރު 52 ބިލިއަން ޑޮލަރުގައި ހުރި ދައުލަތުގެ ދަރަނި 80 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ، %7 އިން ކުރި އަރާނެ ކަމަށް ބެލި އިގްތިސާދު %29 އިން ދަށަށް ގޮސް، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އަރައިނުގަނެވޭ ވަރު ބޮޑު ފުން ވަޅުގަޑަކަށް ރާއްޖޭގެ އިގްތިސާދު މިވަނީ ވެއްޓިފައެވެ.
އަދި މި ފުން ވަޅުގަޑުން ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖަހަން އެތައް އަހަރެއް ހޭދަ ވާނެކަމަށް އިގްތިސާދީ މާހިރުން ދަނީ ލަފާ ކުރަމުންނެވެ.
ހައްލު ކުރަން ޖެހޭ ގިނަ ކަންކަން
ރާއްޖެ ފަދަ، ނާޒުކު އިގްތިސާދެއް އޮތް ގައުމަކުން، އިގްތިސާދު މެނޭޖްކުރަންޖެހޭ ގޮތް ތަފާތު ވާންޖެހޭކަމަށް އިގްތިސާދީ ގިނަ ޖަތުރިބާކާރުން ފާހަގަ ކުރެއެވެ.
2004ގެ ސުނާމީއަށްފަހުވެސް، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އަސަރައެއް ކުރީ، އެކާރިސާގެ ސަބަބުން ބައެއް ރިސޯޓުތަކަށް ގެއްލުން ލިބި، ފަތުރުވެރިކަމުގެ ސިނާއަތް ހީނަރު ވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިއަދު މިއީ އޭގެ 16 އަހަރު ފަހެވެ. އަދިވެސް އަޅުގަޑުމެން މިތިބީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެގެންނެވެ. ނަތީޖާ އަޅުގަޑުމެންނާ ކުރިމަތި މިލީ ވަރަށް ހިތިކޮށްނެވެ.
2004ގެ ސުނާމީ ކާރިސާއަށްވުރެ އެތައް ގުނައެއް ގެއްލުން ބޮޑު ކާރިސާއެކެވެ. ކޯވިޑް19ގެ އާލަމީ ވަބާއެވެ. ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ކަހަލަގޮތަކަށް ހުއްޓުމަކަށް ގެނައީއެވެ. ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އައީއެވެ.
މިއީ އަޅުޑުމެންގެ ތާއަބަދުގެ ހާލަތަކަށް ވެގެން ނުވާނެއެވެ.
ހުޅުވިފައިވާ ވިސްނުމަކުން ވިސްނާ، އިގްތިސާދީ އާ ސިނާއަތްތަކެއް އުފަން ކުރުވަން އެބަޖެހެއެވެ. ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ބަރޯސާވުން ކުޑަކުރެވެން އެބަޖެއެވެ.
ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ދަޑުވެރިކަން ދިރުވާ އާލާކުރެވޭނެ ގޮތްތައް ހޯދަން އެބަޖެހެއެވެ. އާ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުންކޮށް، މި ސިނާއަތްތަކުގެ ތެރެއަށް އާވިސްނުންތައް ނުގެނެވޭނަމަ، މިބަދަލު ގެނެވޭވަރުގެ ވިސްނުން ހުރި ބައެއްގެ ބޭނުން ސަރުކާރުން ހިފަން އެބަޖެއެވެ.
މިވިސްނުމުން މިއަދު އަޅުގަޑުމެން ނުވިސްނައިފިނަމަ، ފަހުން ދެން ކުރަންޖެހޭ ތަޖުރިބާ މިއަށްވުރެވެސް ހިތިވެގެން ހިގައިދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.