ލޭބާ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް އޮތް ރޯދަ މަހާ ގުޅިގެން މުހިންމު އިޢުލާނެއްގައި، ވަޒީފާއާ ބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭނެކަން ހަނދާންކޮށްދީފިވެއެވެ.
އޮތޯރިޓީން ފާހަގަކުރައްވާފައިވާ ގޮތުގައި، ބައެއް ވަޒީފާދޭ ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މިކަމާ ގުޅިގެން ވޭތުވެދިޔަ އަހަރު ގިނަ ޝަކުވާތަކެއް އޮތޯރިޓީއަށް ހުށަހެޅިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ރަމަޟާން މަހުގެ އިނާޔަތަކީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ އެންމެހައި މުވައްޒަފުންނަށް ލިބިދޭންޖެހޭ ޙައްޤެކެވެ. މީގެ ތެރޭގައި ދާއިމީ މުވައްޒަފުންގެ އިތުރުން، ވަގުތީ މުވައްޒަފުންނާއި ޤާނޫނީ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުން ވެސް ހިމެނެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ޤާނޫނުގައިވާ ގޮތުގެ މަތިން ދިނުމަށް އޮތޯރިޓީން ވަނީ އެންމެހައި ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ރަމަޟާން މަސް ފެށޭއިރު މި އިނާޔަތް ނުލިބޭ މުވައްޒަފުންނަށް އެކަމުގެ ޝަކުވާ އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަން ވެސް އަންގަވާފައިވެއެވެ.
ކޮމެންޓު ފޮނުވާ