ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީން އެއް ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ހުޅުވާލައިފިއެވެ. މިއީ މިއަހަރު ޓީ-ބިލް ވިއްކުމަށް ހުޅުވާލި ހަތަރުވަނަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކުމަށް ހުޅުވާލާފައިވާ ޓީ-ބިލްތަކުގެ ތެރޭގައި 42 ދުވަހުގެ މުއްދަތަށް 135 މިލިއަން ރުފިޔާއާއި، 98 ދުވަހުގެ މުއްދަތަށް 100 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި 183 ދުވަހުގެ މުއްދަތަށް 250 މިލިއަން ރުފިޔާއާއި، 364 ދުވަހުގެ މުއްދަތަށް 660 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ވަނީ އިއުލާނު ކުރައްވާފައެވެ. މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ހުންނާނީ 3.50 އާއި 4.60 ޕަސެންޓާ ދެމެދުގައެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މިމަހު އެކަނި ވެސް 3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވަނީ ވިއްކާފައެވެ. ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި، ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.
ޓީ-ބިލްއަކީ ގަވަރމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރުމުއްދަތުގެ ސެކިއުރިޓީޒް އެކެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީ-ބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި، މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.