އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަނީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަނީ

ގުޅުންހުރި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމާއިފިއެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާނެވެ. އަދި އައްޑޫގެ އިތުރުން އެހެން ރަށްރަށުގައިވެސް ކަރަންޓުގެ މައްސަލަ ދިމާވެފައިވޭތޯ ބެލުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ވަގުތު އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަނުގެ ތިން ޖެނެރޭޓަރަށް މައްސަލަ ދިމާވެފައިވާއިރު، އިތުރު އެއް ޖެނެރޭޓަރު މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވެއެވެ. މިކަމުގެ ސަބަބުން ރަށްރަށަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކާ ކުރިމަތިވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދެއެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓުގެ އައު ޖެނެރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މިހާރު ވަނީ ލޭންޑިންގ ކްރާފްޓަށް ލޯޑުކޮށްފައެވެ. އަދި ހަލާކުވެފައިވާ ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގަން ފަށާފައިވާއިރު، އަނެއް ޖެނެރޭޓަރު މި ހަފުތާގެ ނިޔަލަށް މަރާމާތުކޮށް ނިމޭނެކަމަށް ފެނަކައިން ބުނެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން ސްޕެއަރ ޕާޓްސް ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެކަމަށްވެސް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.

ރޯދަމަހަކީ ކޮންމެ އަހަރަކުވެސް ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހަކަށްވެފައި، އައްޑޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ދުވަހުން ދުވަހަށް ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެއެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަމަށާއި، ހެޔޮ ނިޔަތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ