ހުށަހަޅާފައިވާ ގޮތުގައި، ރަޝިއާއާ ދެކޮޅަށް ޔުކްރެއިންއިން ކުރަމުންދާ ހަނގުރާމާގައި އެގައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނީ، އެހީގެ ބަދަލުގައި، ޔުކްރެއިނުގެ ހިލަ މައުދަނުގެ 50% ހިއްސާއެއް އެމެރިކާއަށް ލިބެންވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދެކޭކަމަށް، އެންބީސީ ނިއުސްއިން އެމެރިކާގެ އޮފިޝަލުންނަށް ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
މި ހުށަހެޅުމުގެ ދަށުން، ޔުކްރެއިނުން ސީދާ މާލީ ބަދަލު ދިނުމުގެ ބަދަލުގައި މުހިންމު މައުދަންގެ ވަސީލަތްތަކުގެ ބައެއް ކޮންޓްރޯލް ވޮޝިންގްޓަނަށް ބަދަލުކުރާނެ ކަމަށް، މަޝްވަރާތަކާ ގުޅޭ ދެ އޮފިޝަލަކު ބުނެފައިވެއެވެ.
ހަމަ އެއާއެކު، ރަޝިއާއާއެކު ޑިޕްލޮމެޓިކް ހައްލެއް އެމެރިކާ މެދުވެރިވެ ހޯދައިފިނަމަ، މި ވަސީލަތްތައް ރައްކާތެރިކުރުމަށް އެމެރިކާގެ ސިފައިން ފޮނުވުން ވެސް މި ޕްލޭނުގައި ހިމެނެއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، ބުދަ ދުވަހު ކީވްގައި ބޭއްވުނު ބައްދަލުވުމެއްގައި ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް މި ހުށަހެޅުން ހުށަހެޅިކަމަށް ރިޕޯޓުކޮށްފައިވެއެވެ. މަޝްވަރާތަކާ ބެހޭ ގޮތުން ބްރީފްކުރެވުނު 8 އެމެރިކާ އޮފިޝަލުން ބުނާ ގޮތުގައި، ބެސެންޓް ވަނީ ޒެލެންސްކީއަށް ހުށަހެޅޭ އެއްބަސްވުމުގެ ޑްރާފްޓެއް ހަވާލުކޮށްފައެވެ.
ބައްދަލުވުމަށްފަހު، ޑްރާފްޓަކީ ރައީސްގެ މަޤްޞަދުތަކާ އެއްގޮތްވާ ޑްރާފްޓެއްކަމަށް ބެސެންޓް ބުނެފައިވީނަމަވެސް އިތުރު ތަފްޞީލެއް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޒެލެންސްކީ އެއްބަސްވުމުގައި ސޮއިނުކޮށް، އޭނާގެ ލަފާދޭ ފަރާތްތަކާ މަޝްވަރާކޮށް މުރާޖަޢާކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެފައިވެއެވެ.
ވޮޝިންގްޓަނުގައި ހުރި ޔުކްރެއިނު އެމްބަސީއާއި ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ޚަބަރު ފަތުރާ ފަރާތް މިކަމާ ގުޅޭގޮތުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
މީގެ ކުރިން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރީ އަދި އިޤްތިޞާދީ އެހީތެރިކަން ދެމެހެއްޓުމުގެ ބަދަލުގައި ޔުކްރެއިނުން އެމެރިކާއަށް ހިލަ މައުދަނު ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ.
"އަޅުގަނޑުމެން ޔުކްރެއިނަށް ބުނަނީ އެމީހުން އަތުގައި ވަރަށް އަގުހުރި ހިލަ މައުދަނު ހުރި ވާހަކަ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ދޭ އެއްޗެއްސަށް ޔަޤީންކަން. އަޅުގަނޑުމެން ބޭނުންވަނީ ޔަޤީންކަމެއް. އަޅުގަނޑުމެން އެމީހުންނަށް ފައިސާ ދެމުން އެބަދަން،" ޓްރަމްޕް ވިދާޅުވިއެވެ.
"އަހަރެން ބޭނުންވަނީ ހިލަ މައުދަނުގެ ސެކިއުރިޓީ. އަޅުގަނޑުމެން އެތައް ސަތޭކަ ބިލިއަން ޑޮލަރެއް އިންވެސްޓްކުރަނީ. އެމީހުންގެ އަތުގައި ރަނގަޅު ހިލަ މައުދަނު ހުރޭ، އަދި އަހަރެން ބޭނުންވަނީ ހިލަ މައުދަނުގެ ސެކިއުރިޓީ. އަދި އެމީހުން އެކަން ކުރަން ތައްޔާރު،" އޭނާ އިތުރުކުރެއްވިއެވެ.
2024 ވަނަ އަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ރިޕޯޓެއްގެ ބުނާ ގޮތުން، ޔުކްރެއިނަކީ މުހިންމު ހިލަ މައުދަނުގެ ބޮޑެތި ރިޒާވްތަކެއް ހުރި ޤައުމެކެވެ. މި ޤައުމުގައި ދުނިޔޭގެ ޖުމްލަ މައުދަނީ ވަސީލަތްތަކުގެ 5% އެބަހުއްޓެވެ.
މީގެ އިތުރުން، މި ޤައުމުގައި ދުނިޔޭގެ އެންމެ ބޮޑެތި ލިތިއަމް ރިޒާވްތަކުގެ ތެރެއިން އެއް ރިޒާވް ހުރުމާއެކު، ޗިޕް އުފެއްދުމަށް ކޮންމެހެން ބޭނުންވާ ސެމިކޮންޑަކްޓަރ-ގްރޭޑް ނިއޮން ގޭސް، ބެރިލިއަމް، ޔުރޭނިއަމް، ޒިރްކޯނިއަމް، އަޕަޓައިޓް، އަޔަން އޯ، އަދި މެންގަނީޒް ވެސް އެބަހުއްޓެވެ.
މި ޑީލް ޤަބޫލުކޮށްފިނަމަ، މިއީ އެމެރިކާ-ޔުކްރެއިން ގުޅުމަށް އަންނަ މުހިންމު ބަދަލެއް ކަމުގައި ވެދާނެއެވެ. އެއީ އެމެރިކާގެ އެހީތެރިކަން ދެމެހެއްޓުން، އިސްތިރާޓީޖިކް ވަސީލަތްތަކުގެ ކޮންޓްރޯލާ ގުޅުވާލާފައިވާތީއެވެ.