ސިއްހީ ވުޒާރާއިން ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު އާއްމުކޮށްފިއެވެ. މި ގަވާއިދުގައި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި މިސްކިތްތަކާއި ސްކޫލްތަކުގެ އިތުރުން، އެތަންތަނުގެ 25 ފޫޓު ސަރަހައްދުވެސް ހިމެނެއެވެ. އަދި ހަމަ މިއާއެކު، ދޮރުމައްޗާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، މަތީ ތައުލީމުގެ މަރުކަޒުތަކާއި، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކާއި، ބޭސްފިހާރަތަކާއި، ސިއްހަތާއި ދުޅަހެޔޮކަން ކުރިއަރުވާ މަރުކަޒުތަކުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވެގެންވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އެތެރެއާއި ބެލްކަނީގައާއި، އޮފީސް ދޮރުމައްޗާއި، ދަތުރުފަތުރުގެ ހިދުމަތްދޭ އުޅަނދުތަކާއި، އިވެންޓްތައް ބާއްވާ ތަންތަނާއި، އަލިފާނުގެ ހާދިސާތައް ހިނގާފަދަ ތަންތަނާއި، ފިހާރަތަކުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވެގެންވެއެވެ.
މި ގަވާއިދާ ހިލާފުވާ ފަރުދުންނަށް، ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ދެވަނަ ފަހަރު 2،000 ރުފިޔާ އަދި ތިންވަނަ ފަހަރު 3،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އަދި މުއައްސަސާތަކާއި ވިޔަފާރިތަކުގެ ވެރިންނާއި، އެތަންތަން ހިންގާ ފަރާތްތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ ނުވަތަ ގަވާއިދު ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، ފުރަތަމަ ފަހަރު 3،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ދެވަނަ ފަހަރު 5،000 ރުފިޔާ އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކުވެސް ޖޫރިމަނާގެ އަދަދު ދެގުނައަށް އިތުރުކުރެވޭނެއެވެ.