ތިމާވެށީގެ މައްސަލަތަކުގައި ކުރާ ޖޫރިމާނާ ނުދައްކާ ކުންފުނިތަކުގެ ވިޔަފާރިތައް ހުއްޓުވަނީ

ތިމާވެށީގެ މައްސަލަތަކުގައި ކުރާ ޖޫރިމާނާ ނުދައްކާ ކުންފުނިތަކުގެ ވިޔަފާރިތައް ހުއްޓުވަނީ

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިއަދު ވަނީ ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާ ކުރެވޭ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލައިގައި އެފަރާތްތަކުގެ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ނިންމައިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މައްސަލަ ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވި ގޮތުގައި، މިފަދަ ކުންފުނިތައް ޖޫރިމަނާކުރުމުންވެސް ފައިސާ ނުދައްކައި ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދަނީ އީޕީއޭ އަދި ޓްރާންސްޕޯޓް މިނިސްޓްރީން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާތީއެވެ.

މިގޮތުން އިންޑިއާގެ އިންފްރާސްޓްރަކްޗަރ ކުންފުނި، މޯހަން މުތާގެ މައްސަލަ މިސާލަކަށް ނަންގަވައި މުސްތަފާ ވިދާޅުވި ގޮތުގައި، އެ ކުންފުނި ޖޫރިމަނާ ނުދެއްކުމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އަދި އެންމެ ކުޑަމިނުން ޗިޓު ރައްދުކުރަން ދާނެ އޮފީސް ހުންނަ ތަންވެސް ކަމާބެހޭ އިދާރާއަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނައުމުގެ އިތުރުންވެސް ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.

އީޕީއޭއިން ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޓުފަހަރު ފަރަށް އެރުން ފަދަ މައްސަލަތަކުގައި މިހާތަނަށް ކުރި ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބެއެވެ. މިގޮތުން ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ބިލިއަނެއްހާ ރުފިޔާ ހުރިކަމަށް މިދިޔަ އަހަރު އީޕީއޭއިން ވަނީ ބުނެފައެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައިގައި ޓްރާންސްޕޯޓުގެ ވެރިން މަޖިލީހަށް ހާޒިރުކުރުމާއި، ވިޔަފާރިތައް ހުއްޓުވުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް ކަހަލަ މުޢާމަލާތެއް ކުރިތޯ ބެލުމަށްވެސް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *