ސަރުކާރުން މިއަދު މާލެ ސަރަހައްދުގައި އައު ސޯލާ ޕެނަލް މަޝްރޫއެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފިއެވެ. މާލީ ވުޒާރާއިން ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން 100 އާއި 150 މެގަވޮޓާ ދެމެދުގެ ސޯލާ ޕެނަލް ގްރިޑެއް ގާއިމުކުރެވޭނެއެވެ.
ސޯލާ ޕެނަލްތައް ޑިޒައިންކޮށް، ފައިސާ ހޯދައި، އަމަލީ މަސައްކަތްކޮށް އަދި އޮޕަރޭޓުކުރެވޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭގޮތަށް ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ. މި މަޝްރޫއު ފެށުމަށް ނިންމާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރުމަށް ވެވަޑައިގެންނެވި ވައުދު އަދިވެސް ފުއްދިފައިނުވަނިކޮށެވެ.
ރައީސް މުއިއްޒު އޮކްޓޫބަރު 28، 2024 ގައި ވިދާޅުވެފައިވަނީ ބުރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލިފައިވާތީ، ހައިވޭގައި ހުރި ސޯލާ ޕެނަލްތައް މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރައްވާފައިވީ ނަމަވެސް، ހައިވޭގައި ޕެނަލް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިހާރު ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުން ދުވާލަކަށް 4.8 މެގަވޯޓުގެ ކަރަންޓު އުފައްދައެވެ. ސްޓެލްކޯއިން މި ކަރަންޓު ގަންނަނީ ޔުނިޓަކަށް 10.09 އެމެރިކާ ސެންޓަށް ނުވަތަ އެއް ރުފިޔާ 68 ލާރީގެ މަގުންނެވެ.