މިއަދު ބޭއްވުނު ބައި-އިލެކްޝަންތަކުގައި އެމްޑީޕީއަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި އިންތިޚާބުތަކުގައި ސަރުކާރުން ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް، ފައިސާ ބަހައި، އަދި ވަޒީފާގެ ބިރުދެއްކި ނަމަވެސް، ރައްޔިތުން އެފަދަ ބިރުވެރިކަމެއް ފަހަނައަޅައި ދިޔަކަން މިއަދުގެ ނަތީޖާތަކުން ވަރަށް ސާފުކޮށް ދައްކުވައިދޭކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ބޭއްވުނު އިންތިޚާބުތަކުގައި ޖުމްލަ 12 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ރަށެއްގެ ކައުންސިލަރުންނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުތަކެވެ. މި އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، ސަރުކާރު ހިއްސާވާ ޕީއެންސީން އަށް ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއާއި އަމިއްލަ ކެންޑިޑޭޓުން ވަނީ ދެ ގޮނޑި އެއް ކާމިޔާބުކޮށްފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ، މިއަދުގެ އިންތިޚާބުތަކުގެ ނަތީޖާތަކުން ލިބުނު ހިތްވަރާއެކު ކުރިއަށް އޮތް އިންތިޚާބުތަކަށް ނުކުންނާނެ ކަމަށެވެ. އަދި މި އިންތިޚާބުތަކުގައި އެމްޑީޕީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަދު ބޭއްވުނު އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާނު ކުރެވޭނެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މިއީ ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބޭއްވުމަށް ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، މި އަހަރު ބޭއްވުނު ފުރަތަމަ ބައި-އިލެކްޝަންތަކެވެ.