އަދުލު އިންސާފަށް ހުރަސްއަޅަން ދިވެހިން ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ. މިރޭ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބާރު ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމަށް ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމު ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާޠިލުކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް މިހާރު ރޭވިފައިވާއިރު، ހުސްވާ މަޤާމުތަކަށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާއި، މިހާރު ސަރުކާރުގެ ސިޔާސީ މަޤާމުތަކެއް ފުރަމުންދާ އިތުރު ދެ ބޭފުޅަކު އައްޔަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި ޝަރުޢީ ދާއިރާއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ސުޕްރީމް ކޯޓުން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަޤާމުން ވަކިކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު އޮތް ޝަރުޢީ ދާއިރާއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީން އިތުރަށް ފާހަގަކޮށްފައިވަނީ މި މަސައްކަތް ސަރުކާރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި، ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.