ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިޒްކަލް ޑިވޮލޮޕްމަންޓް" ރިޕޯޓުގައި ވާގޮތުން، ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ވަނީ ކުޑަވެފައެވެ.
މިގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކުރެވުނު އިރު، 2024 ގެ ޖެނުއަރީ މަހު ހޭދަކުރެވިފައިވަނީ 846.6 މިލިއަން ރުފިޔާއެވެ. މިއީ 411 މިލިއަން ރުފިޔާގެ ކުޑަވުމެކެވެ. މީގެ އިތުރުން، މުސާރައާއި އެލަވަންސްތަކަށް ކުރެވުނު ޚަރަދުވެސް ވަނީ ކުޑަވެފައެވެ. 2023 ގެ ޖެނުއަރީގައި މުސާރައާއި އެލަވަންސްތަކަށް 9 މިލިއަން ރުފިޔާ ޚަރަދުކުރެވުނު އިރު، މިއަހަރުގެ ޖެނުއަރީގައި މިބައިން ހޭދަކުރެވިފައިވަނީ 5.4 މިލިއަން ރުފިޔާއެވެ.
އެހެންނަމަވެސް، ޕެންޝަނާއި ރިޓަޔަރމަންޓް ބެނިފިޓްސްއަށް ކުރެވުނު ޚަރަދު ވަނީ މާޒީއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. 2023 ގެ ޖެނުއަރީގައި މިބަޔަށް އެންމެ 100,000 ރުފިޔާ ޚަރަދުކުރެވުނު އިރު، މިއަހަރުގެ ޖެނުއަރީގައި 147.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.
އަދި އިދާރީ ހިންގުމުގެ ކަންކަމަށް ކުރެވުނު ޚަރަދުތަކަށް ބަލާއިރު، 2023 ގެ ޖެނުއަރީގައި 1.02 ބިލިއަން ރުފިޔާ ޚަރަދުކުރެވުނު އިރު، މިއަހަރުގެ ޖެނުއަރީގައި ޚަރަދުކުރެވިފައިވަނީ 690.3 މިލިއަން ރުފިޔާއެވެ. މިއީ އިދާރީ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިފައިވާކަން ދައްކުވައިދޭ ތަފާސް ހިސާބެކެވެ.