ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅުން ވެލި ނަގާ މައްސލަ އީޕީއޭ އިން ބަލަނީ

ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅުން ވެލި ނަގާ މައްސލަ އީޕީއޭ އިން ބަލަނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައިވާ ށ. ފަރުކޮޅުން ވެލި ނަގާ މައްސަލަ ބަލަން ފަށާފައިވާކަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ. މި މައްސަލައިގައި ށ. އަތޮޅު ކައުންސިލުން ހާމަކުރި ގޮތުގައި ރަށުގެ ގޮނޑުދޮށާއި، ތުނޑި އަދި ފަޅުތެރެ ކޮނެގެންނާއި ޕަންޕް ބޭނުންކޮށްގެން ގިނަ ބަޔަކު ވަނީ ގަވާއިދާ ޚިލާފަށް ވެލި ނަގަމުން ގޮސްފައެވެ. އަދި މި މައްސަލަ ވަނީ އެ އިދާރާއާއި އީޕީއޭ ގުޅިގެން ބަލަމުން ގެންދާކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށްޓަކައި އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، މި ސަރަހައްދުތަކުން ވެސް މެޝިނަރީ ބޭނުންކޮށްގެން ވެލި ނެގުމަކީ މަނާކަމެއްކަމަށް ކައުންސިލުން ވަނީ އަންގާފައެވެ. ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި ގިނަގުނަ ސަބަބުތަކާ ހުރެ ހިމާޔަތްކޮށްފައިވާ ފަރުކޮޅު ފަދަ ތަންތަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކޮންމެހެން ބޭނުންވާނެއެވެ.

ފަރުކޮޅަކީ ހަތް ކުޅި އެކުލެވޭ، ޗަސްބިންބޮޑު ރަށެކެވެ. މީގެއިތުރުން ރާއްޖެއިން ނެތިދިއުމުގެ ބިރު އޮތް ކަނޑޫ، ބުރެވި އަދި ތަކަފަތި ފަދަ ގަސްތައް މި ރަށުގައި ހެދިފައިވެއެވެ. ރަށުގެ ގުދުރަތީ މުއްސަނދިކަމުގެ ސަބަބުން އެކި ވައްތަރުގެ ދޫނިތަކުގެ މަންޒިލަކަށްވެސް ފަރުކޮޅު ވެފައިވެއެވެ. ތިމާވެއްޓާބެހޭ މިނިސްޓްރީން ފާހަގަކުރި ގޮތުގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނި މި ރަށަށް ބިސްއަޅާ އުޅޭއިރު، ރަށުގެ މޫދާ ގުޅިފައިވާ ކުޅި ކައިރީގައި ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ބައެއް ބާވަތުގެ މަހާއި ފަރުގެ ދިރުންތައް ވެސް އާލާވަމުންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *