ޤުރުއާން އަންދަމުން ދިޔަ އިރާގު މީހާ ގަޔަށް ސްވިޑަންގައި ބަޑިޖަހައި މަރާލައިފި

ޤުރުއާން އަންދަމުން ދިޔަ އިރާގު މީހާ ގަޔަށް ސްވިޑަންގައި ބަޑިޖަހައި މަރާލައިފި

ގުޅުންހުރި

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސުވީޑަންގެ އާންމު ތަންތަނުގައި ޤުރުއާން އަންދަމުން އައި އިރާގުގެ ރެފިއުޖީ، ސަލްވާން މޮމިކާ (38 އަހަރު) ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. މި މާރާމާރީ ހިނގާފައިވަނީ ސުވީޑަންގެ ސޯދަރްތާލްޖޭ ސަރަހައްދުގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓްގައި ކަމަށާއި، ބައެއް މަޢުލޫމާތުތަކުން ދައްކާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޓިކްޓޮކް ލައިވްއެއްގައެވެ.

2018 ވަނަ އަހަރު އިރާޤުން ސުވީޑަނަށް ހިޖުރަކުރި މޮމިކާއަށް 2021 ގައި ތިން އަހަރުގެ ރެސިޑެންސީ ހުއްދަ ދެވުނެވެ. އޭނާ މަރާލެވުނީ، އޭނާ ޤުރުއާން އަންދާލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރީއަތުގެ ނިންމުން އިއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. 2023 ވަނަ އަހަރު އޭނާ ވަނީ ސުވީޑަންގައި އާންމުކޮށް ޤުރުއާން އަންދާލުމުގެ ހަރަކާތްތަކެއް ހިންގާފައެވެ.

މި ހަރަކާތްތަކުގެ ސަބަބުން ގިނަ މުސްލިމް ޤައުމުތަކުގައި ބޮޑެތި އިހުތިޖާޖުތަކާއި ހަމަނުޖެހުންތައް ހިނގިއެވެ. އެގޮތުން އިރާނުން ސުވީޑަންގެ ސަފީރު މަޤާމުން ވަކިކޮށް ބޭރުކުރިއެވެ. އަދި ޤުރުއާނުގެ ކޮޕީތަކެއް އަންދާލުމުން ރުޅިގަދަވި އިރާގުގެ މުޒާހަރާކުރި ފަރާތްތަކުން ބަޣުދާދުގެ މެދުތެރޭގައި ހުންނަ ސުވީޑަންގެ އެމްބަސީއަށް ވަދެ އެ ތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގިއެވެ.

މޮމިކާ ބުނެފައިވަނީ އޭނާގެ މަޤްޞަދަކީ މުސްލިމުންނާ ދެކޮޅަށް ކުރާކަމެއް ނޫންކަމަށާއި، އިސްލާމްދީނާ ދެކޮޅަށް ކުރާކަމެއް ކަމަށެވެ. އަދި ޤުރުއާނުގެ މެސެޖުތަކުން ސުވީޑަންގެ ރައްޔިތުން ސަލާމަތްކުރުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސުވީޑަންގެ ފުލުހުން ބުނެފައިވާ ގޮތުގައި މި މަރުގެ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށާއި މިހާތަނަށް 5 މީހުން ހައްޔަރުކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން، ކުރިން ސުވީޑަންގައި ހިނގި ޤުރުއާން އެންދުމުގެ ހާދިސާތަކާ ގުޅިގެން އެކި ޤައުމުތަކުން އަޑުއުފުލާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ސައުދީ އަރަބިއާ، އިރާޤު، އިރާނު އަދި އެހެނިހެން މުސްލިމް ޤައުމުތައް ހިމެނެއެވެ. އަދި ކުވޭތުން ވަނީ ސުވީޑަން ބަހަށް ތަރުޖަމާކޮށްފައިވާ ކީރިތި ޤުރުއާނުގެ އެއް ލައްކަ ކޮޕީ އެ ޤައުމުގައި ބެހުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *