ސަރުކާރަށް އަޑު އިވުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލަން ޖެހޭނެ: ޝާހިދު

ސަރުކާރަށް އަޑު އިވުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލަން ޖެހޭނެ: ޝާހިދު

ސަރުކާރަށް އަޑު އިވުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލަން ޖެހޭނެ ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފްލެޓާ ގުޅޭ މައްސަލަތަކުގައި ހަނުހުރުމަކީ އެކަށީގެންވާ ހައްލެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ފްލެޓަކީ ރައްޔިތުންގެ މުދަލެއް ކަމަށާއި، ޝަރުއީ ހުކުމަކާ ނުލައި އެ މުދާ އަތުލުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ. މީގެއިތުރުން، ރިސޯޓު މުވައްޒަފުންގެ ސަރވިސް ޗާޖު ޑޮލަރުން ރުފިޔާއަށް ބަދަލުކުރި މައްސަލައަކީވެސް ސަރުކާރުގެ ނުރަނގަޅު ސިޔާސަތުތަކުގެ ނަތީޖާއެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އެންސްޕާ އަދި އާސަންދައިން ޚިދުމަތް ނުލިބޭ ފަރާތްތަކާއި، ޓެކްސީ ލައިންގެ މައްސަލައިގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށްވެސް އަޑުއުފުލުމަށް ގޮވާލެއްވިއެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ އަގުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލައިގައިވެސް އަޑުއުފުލުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މި ސަރުކާރަށް އަޑުއިވޭނީ ހަމައެކަނި މަގުމައްޗަށް ނުކުމެ އަޑުއުފުލައިގެން ކަމަށް ވިދާޅުވަމުން، ގާނޫނުއަސާސީގެ ދިފާއުގައި މާދަމާ ރޭ މާލޭގެ މަގުމައްޗަށް ނުކުންނަން އެމްޑީޕީން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *