ހއ. މުރައިދޫގެ ކައުންސިލާއި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިފި

ހއ. މުރައިދޫގެ ކައުންސިލާއި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިފި

Author
ހުސައިން
28 ޖެނުއަރީ 2025 12:46
0

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހއ. މުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ. ޕޮލިސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސްގެ އަރިހުގައި ވަޑައިގަތް ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ރަށުގައި އަލަށް ބަހައްޓާ ބީއެމްއެލްގެ އޭޓީއެމްވެސް ކައުންސިލާ ހަވާލުކުރެވޭނެއެވެ.

ތިން ދުވަހަށް ރޭވިފައިވާ މި ދަތުރުފުޅުގައި ރައީސް މުރައިދޫގެ އިތުރުން ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ، އުލިގަން އަދި އުތީމަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވުމާއި އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި "މަގޭ ސޯލާ" ޕްރޮގްރާމްގެ އަމަލީ މަސައްކަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވުމާއެކު، ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ކައުންސިލްތަކާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހަފްލާތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.