ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ފިޓް އެންޑް ޕްރޮޕަރ ރިކުއަރމަންޓްސް ފުރިހަމަވާ ފަރާތްތަކަށެވެ. މީގެއިތުރުން، ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައްވެސް ފުރިހަމަވާންވާނެއެވެ.
ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިންގ، މާލީ ޚިދުމަތްތައް އަދި އިންވެސްޓްމަންޓް ވިޔަފާރިއާ ބެހޭ އެކަށީގެންވާ މަޢުލޫމާތު ލިބިފައިވާ، މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑުތަކެއް ހުރި ބައެއް ކަމުގައި ވާންޖެހެއެވެ. އަދި މި ފަރާތްތަކަކީ ބަނގުރޫޓުވެފައިވާ ނުވަތា ސާބިތު ދަރަންޏެއް އޮތް ބައެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި ވައްކަން، މަކަރާއި ހީލަތް، ޚިޔާނާތް ފަދަ ކުށެއް ސާބިތުވެފައިވާ މީހުންނާއި، ސަރުކާރުގެ މިނިސްޓަރުން ނުވަތަ ކެބިނެޓް މަޤާމެއްގައި ތިބި މީހުންނަށް މި މަޤާމަށް ކުރިމަތެއް ނުލެވޭނެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ގޮތުން، ކޮންމެ ޑިރެކްޓަރަކީވެސް މާލީ ރިޕޯޓުތައް ދެނެގަތުމުގެ ޤާބިލުކަން ހުރި، ވިޔަފާރީގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ، އަދި އެހެން މީހުންނާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންޖެހެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ފެބްރުއަރީ 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މަޤާމަށް ކުރިމަތިލުމުގެ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ ބޭންކުގެ ހެޑް އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނެވެ.
ކޮމެންޓު ފޮނުވާ