ފެންނަމުން ދަނީ ރާއްޖޭގެ ޑިމޮކްރަސީ ނައްތާލަމުންދާތަން: ޝާހިދު

ފެންނަމުން ދަނީ ރާއްޖޭގެ ޑިމޮކްރަސީ ނައްތާލަމުންދާތަން: ޝާހިދު

މިވަގުތު ފެންނަމުންދަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނައްތާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ކުރެއްވި ވައުދުތަކަކީ ކުރިން ނުކުރައްވާ ވައުދުތަކެއް ކަމަށާއި، ތުއްތު ކުދިން މެދުވެރިކޮށް މި ވައުދުތައް ހާމަކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި އެކި ރަށްރަށުގައި ފުޓްސަލް ދަނޑާއި ކުޑަ މިސްކިތް އެޅުމުގެ ވައުދުތައް ހިމެނޭ ކަމަށާއި، މިގޮތަށް ރައްޔިތުން ހައްލާލަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިއީ ރައްޔިތުން މަގުފުރެއްދުމަށް ކުރާ ކަމެއް ކަމަށާއި، ރައްޔިތުންގެ އަނގައާއި އަތުގައި ކަސްތޮޅު އެޅުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ސީދާ ޑިމޮކްރަސީ ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލްކުރަނީ މި ކުރައްވާ ކަމަކީ ސީދާ އެނގިވަޑައިގެން އޮޅުވާލައިގެން ރައްޔިތުން މަގު ފުރައްދައިގެން ރައްޔިތުން ވާ ވައްދައިގެން ރައްޔިތުން ގެންގޮސް ރައްޔިތުންގެ އަތުގައި އަނގައިގައި ހުޅުތަކުގައި ކަސްތޮޅު އެޅުވުން. މިގެންދަނީ ސީދާ ޑިމޮކްރެސީ ރާއްޖެއިން ނައްތާލުމަށް. މިކަމާ މެދު ރައްޔިތުން ވިސްނުމަށް އިލްތިމާސްކުރަން.

ޝާހިދު ވިދާޅުވިއެވެ.

18 އަހަރުން މަތީގެ ރައްޔިތުންނަށް ލިބިފައިވާ އެކި ހައްގުތަކުގެ ވާހަކަ ދައްކަވަމުން، ޝާހިދު ފާހަގަކުރެއްވީ މި އުމުރުފުރައިގެ މީހުންނަށް ވޯޓުލުމާއި، ކައިވެނިކުރުމާއި، އުޅަނދު ދުއްވުމުގެ ލައިސަންސް ލިބޭ ކަމަށެވެ. ނަމަވެސް، 21 އަހަރު ނުވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަކީ ސަރުކާރުން ވަކަރަށް ޖެއްސުމަށް ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ޒުވާނުން އަޑުނުއުފުލައިފިނަމަ، ސަރުކާރުން ގާނޫނުއަސާސީއަށް ބަދަލު ގެނެސް، މަޖިލިސް މެންބަރުކަމާއި ވޯޓުލުމުގެ އުމުރު 21 އަހަރަށް ބަދަލުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ރޭގެ ޖަލްސާގައި ޝާހިދު ވަނީ މި ސަރުކާރު ވައްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *