ކުރިޔަށް އޮތް 4 އަހަރު އެމެރިކާއިން ފެނިގެންދާނީ ދުނިޔެ ސުލްހަ ކުރުވާ، އެއްބައިވަންތަ ކުރުވާ ރައީސެއް ކަމުގައި އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މިއަދު ހުވާކުރެއްވި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ "އެއްބައިވަންތަ ކުރުވާ، ސުލްހަވެރި ކުރުވާ" ރައީސަކަށް ކަމުގައެވެ. އަދި އެއްވެސް ހަގުރާމައެއް ނުފެށުމަކީ އޭނާގެ އަމާޒެއްކަމުގައިވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ހަމާސްއިން ރަހީނުކުރި 3 ރަހީނުން މިނިވަން ވެފައިވާކަން ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.
ގައުމާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން، ދެވަނަ ފަހަރަށް މަގާމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕް ވިދާޅުވީ، އޭނާ ވެރިކަމުގެ ދައުރުގައި އެމެރިކައަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް އޮތް ގައުމަކަށް ހައްދަވާނެ ކަމުގައެވެ. އެގޮތުން އެމެރިކާގެ ސަރުކާރުން ސެންސަރުކުރުމުގެ ސިޔާސަތު ދެން ނުގެންގުޅޭނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
އަދި އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ތެޔޮ ހުރި ގައުމުކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގައި އެމެރިކާއިން ތެޔޮނަގާ މުޅި ދުނިޔެއަށް ތެޔޮ ސަޕްލައި ކުރަން ފަށާނެ ކަމުގައެވެ.
ޓްރަމްޕް ވެވަޑައިގަންނަވާނީ އެމެރިކާގެ 47 ވަނަ ރައީސް ކަމުގައެވެ. ޓަރަމްޕްއަކީ އެމެރިކާގެ 45ވަނަ ރަައީސްވެސް މެއެވެ.
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަށް ހުވާކުރެއްވީ ވޮޝިންގްޓަން ޑީ.ސީ ގައި މެންދުރު (ގްރީންވިޗް ގަޑިން 17:00) ވަގުތުއެވެ. ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް މިއަދު ބޭއްވުނީ އެމެރިކާގެ ތާރީޚުގައި ބޭއްވުނު 60 ވަނަ ހުވާކުރުމުގެ ރަސްމިއްޔާތެވެ.
ފިނިގަދަވުމާއި ގުޅިގެން، އާންމުކޮށް ބޭރުގެ މާބަލް ސިޑިތަކުގައި ބާއްވާ ރަސްމިއްޔާތު، ޓްރަމްޕް ވަނީ ކެޕިޓަލް ރޮޓަންޑާގެ އެތެރެއަށް ބަދަލުކޮށްފައެވެ.
ޖިނާއީ ކުށްތަކަކަށް ޙުކުމް ކުރެވުނު ފުރަތަމަ އެމެރިކާ ރައީސް، ޓްރަމްޕް ވަނީ ނޮވެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސްގެ މައްޗަށް ހޯދި ކާމިޔާބު ހޯއްދަވާފައެވެ.ޓްރަމްޕް އުމުރުފުޅުން 78 އަހަރުގައި ވައިޓް ހައުސްއަށް އެނބުރި މި ވަޑައިގަތީ، މީގެ 4 އަހަރު ކުރިން ރިޔާސީ އިންތިޚާބުގައި ބަލިވުމަށްފަހުގައެވެ.
ޓްރަމްޕް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސްގެ ހުވާ ޖޭމްސް ޑޭވިޑް ވެންސް ވަނީ ކުރައްވާފައެވެ.