ވ. އާރަށުގެ ޚިޔާނާތުގެ ހެކީގެ މައްސަލަ ހުކުމަކާއި ހަމައަށް!

ވ. އާރަށުގެ ޚިޔާނާތުގެ ހެކީގެ މައްސަލަ ހުކުމަކާއި ހަމައަށް!

އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެކަން ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށް ގޮސްފައިވެއެވެ. .

މިއަދުގެ އަޑުއެހުމުގައި ދެފަރާތުން ހުލާސާ ބަޔާން އިއްވާފައިވެއެވެ. ދައުލަތުގެ ފަރާތުން، ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވެފައިވަނީ ދަށު ކޯޓުގައި ހެކިބަސް ދިން މީހަކު ދޮގު ހެކިބަސް ދިން ކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރުމުގެ ފުރުސަތު ދަށު ކޯޓަށް ނުލިބޭ ގޮތަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް، ރައީސް ޔާމީންގެ ދިފާއުގައި ވަކީލު ހަމްޒާ ލަތީފު ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތްތައް އެކި މަރުހަލާތަކަށް ބަހާލެވިފައިވާ ކަމަށާއި، ދައުލަތުން އާ ހެކިތައް ހުށަހަޅާފައިވަނީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުމަށްފަހު ކަމަށެވެ.

މި މައްސަލައިގެ ފަހަތަށް ބަލާއިރު، 2022 ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ސާބިތުވާތީއެވެ.

ނަމަވެސް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ދަށު ކޯޓުން ބަލައިގަތް އާ ހެކިތައް ބަލައިގަތުން ގޯސްކަމަށް ނިންމައި، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވާފައެވެ. މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެއީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ ފުށުއަރާތީއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމެންދެން، ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ވަނީ 2023 ސެޕްޓެމްބަރު 16 ގައި ހުއްޓާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *