އެމްޑީޕީގެ 3000 މެންބަރުން ޕީއެންސީއަށް "ވަގަށް" ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވޭ: އެމްޑީޕީ

އެމްޑީޕީގެ 3000 މެންބަރުން ޕީއެންސީއަށް "ވަގަށް" ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވޭ: އެމްޑީޕީ

އެމްޑީޕީގެ 3000 މެންބަރުންގެ މަޢުލޫމާތު އެ މީހުންނަށް ނޭނގި ޕީއެންސީއަށް "ވަގަށް" ވައްދާފައިވާކަމުގެ ޝަކުވާ ހުށަހެޅިފައިވާކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ މިއީ ޒާތީ މަޢުލޫމާތު ވަގަށް ނެގުމުގެ މައްސަލައެއްކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްޤަކަށް އަރައިގަތުމުގެ އިތުރުން، އެތައް ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލައެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ލިބިފައިވާ 3000 ޝަކުވާގެ ތެރެއިން 68 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާ ފޯމުތަކުގެ މައްސަލަވެސް ހިމެނެއެވެ. މިއީ ދޮގު ހެކި ދިނުމުގެ މައްސަލައެއްކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ލީގަލް ޓީމުގެ އިބްރާހިމް ޝިޔާމް ވިދާޅުވިގޮތުގައި، މި ފޯމުތަކުގައި މީހުންގެ ކުރީގެ އައިޑީކާޑު ފޮޓޯ ބޭނުންކޮށް، ސޮޔާއި އިނގިލީގެ ނިޝާންވެސް ވަނީ ފޯޖުކޮށްފައެވެ. އަދި މިފަދަ ބޮޑު މައްސަލައެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން މި ފޯމުތައް ފުރިކަމަށް ތުހުމަތުކުރެވޭއިރު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެތަނުގައި ހުންނެވިކަމަށް ބުނާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. ނަމަވެސް މިނިސްޓަރު އިހުސާން ވަނީ އެކަމާ އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ ތަހުގީގު ނިމެންދެން ހޯމްލޭންޑް މިނިސްޓަރު އިހުސާން މަގާމުން އެކަހެރިކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *