މާލެ ސަރަހައްދުގައި މިއަދު ހިންގި އޮޕަރޭޝަންގައި 1،455 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފި

މާލެ ސަރަހައްދުގައި މިއަދު ހިންގި އޮޕަރޭޝަންގައި 1،455 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފި

Author
ހުސައިން
18 ޖެނުއަރީ 2025 10:36
0

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިއަދު މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 1،455 މީހެއްގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަން ހިންގާފައިވަނީ ހެނދުނު 8:00 އިން ހަވީރު 6:00 އާ ހަމައަށެވެ. މިއީ އެ އޮޕަރޭޝަން މާލޭ ސަރަހައްދުގެ ޕްރައިވެޓް އަދި އާންމު ތަންތަނަށް ފުޅާކޮށް ފެށި ދުވަސް ކަމަށް އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވިއެވެ. މިގޮތުން މިއަދުގެ އޮޕަރޭޝަންގައި މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓް ކުރެވިފައިވެއެވެ.

"ކުރަނގި" އޮޕަރޭޝަން ފެށިފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތުގައި، އެ ދުވަހާ ހަމައަށް 10،000 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވެއެވެ. އޭގެ ފަހުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 15،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ނެގިފައިވާ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ. މިހާތަނަށް މުޅި ޖުމްލަ 25،483 މީހެއްގެ ބަޔޮމެޓްރިކް މައުލޫމާތު ނެގިފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުއިއްޒުގެ ވައުދުގެ ދަށުން މަސައްކަތް ކުރެވެމުންދަނީ ތިން އަހަރަށް އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުންނެވެ. މި އޮޕަރޭޝަން ނިމޭނީ އޭޕްރީލް 2027 ގައެވެ. މި މަސައްކަތުގައި މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމަންޓާއި އިމިގްރޭޝަން އަދި ފުލުހުންނާއި މުޅި ހޯމް ސެކްޓާގެ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރަމުންދާ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މި މަސައްކަތް މިހާރު ކުރިއަށްދަނީ 185 ރަށެއްގައެވެ. އޭގެ ތެރެއިން 55 ރަށެއްގައި މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކުރެވިފައެވެ. މިއީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.