ޑިސެމްބަރު މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް، ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި މައްސަލައިގައި ޕީއެންސީން ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ގިނަ އަދަދެއްގެ ސައްހަނޫން ފޯމު ހުށަހަޅާފައިވާ ކަމަށް ގިނަ ބައެއްގެ ފަރާތުން ތުހުމަތު ކުރެވި، މައްސަލަ ވަނީ ބޮޑަށް ހޫނުވެފައެވެ. މިކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ 2023 ވަނަ އަހަރު ނިމުނުއިރުވެސް މިފަދައިން ފޯމުތަކާއެކު ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ބޮޑުވެގެން މިކަން އިލެކްޝަންސް ކޮމިޝަނުން ކުރަން ފަށާފައިވާ ކަމަށާއި، ވަރަށް ގިނަ އަދަދެއްގެ ފޯމުތައް ލިބިފައިވާތީ ޕާޓީތަކުގެ ދަފްތަރަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ލިބިފައިވާ ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަންނަ ހަފްތާގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މެންބަރުން ދަފްތަރު ކުރުމަށް ބޭނުންކުރާ ސިމަދަ ޕޯޓަލްގެ ޚިދުމަތް ހުއްޓާލައި، ޕާޓީތަކަށް މެންބަރުން ވެއްދުން ވަގުތީގޮތުން މަޑުޖައްސާލާފައެވެ.
ޕީއެންސީން ސައްހަ ނޫން ފޯމުތައް ހުށަހެޅިފައިވާކަން އެއްބަސްވެފައިވީ ނަމަވެސް، އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ ޕާޓީތެރެ ގަޑުބަޑުކުރުމަށް އިދިކޮޅު އެމްޑީޕީން ރާވައިގެން ޕީއެންސީގެ ނަމުގައި ވަގު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ