ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމެއްގައި، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދިން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އިތުރަށް ޖަމާކުރެވުނު 18،000 ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްފިއެވެ.
މި މައްސަލައިގައި އިޤްތިޞާދީ ވުޒާރާއިން ދަޢުވާ އުފުލާފައިވަނީ މ. އޮކްސިޑެންޓަލް/މާލެ، މަރިޔަމް ހަމްނާގެ މައްޗަށެވެ. ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހަމްނާއަށް ދޭން ހަމަޖެހިފައިވަނީ 30،000 ރުފިޔާ ކަމުގައިވީ ނަމަވެސް، އޮޅުމަކުން އޭނާގެ އެކައުންޓަށް ޖުމުލަ 48،000 ރުފިޔާ ޖަމާކުރެވިފައިވެއެވެ. ސިވިލް ކޯޓުން އިއްޔެ ނެރުނު ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އިތުރަށް ޖަމާކުރެވުނު 18،000 ރުފިޔާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު ސިވިލް ކޯޓުން އެހެން މައްސަލައެއްގައިވެސް، އިންކަމް ސަޕޯޓް އެލަވަންސްގެ ޝަރުތު ހަމަނުވާ އަމިއްލަ ކުންފުންޏެއްގެ ހިއްސާދާރަކު ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމަށް ހުކުމްކޮށްފައިވެއެވެ. އަދި މީގެ އިތުރުން، މި އެލަވަންސް ހޯދުމަށް ސައްޚަނޫން ލިޔެކިޔުންތައް ހުށަހަޅައިގެން 5 މިލިއަނެއްހާ ރުފިޔާ ނަގާފައިވާކަން އޮޑިޓް ރިޕޯޓަކުން ކުރިން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ