ފަޒުލްގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވޭ: ޕޮލިސް

ފަޒުލްގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވޭ: ޕޮލިސް

ބިންވެރިޔާ ސްކީމްގެ ގޯތި ބެހުމުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާ މެދު އެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަމަށް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް، ތަޙުޤީޤު ކުރިއަށްދާ ވަރަކުން އެއްވެސް ފަރާތަކާމެދު ތުހުމަތެއް އުފެދިއްޖެނަމަ، އެފަރާތަކާ ސުވާލުކޮށް ތުހުމަތު އިއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފާހަގަކުރެވިފައިވާ އެއް ކަމަކީ، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާކަން އާންމުވެފައިވާ ލިޔެކިޔުންތަކުން ދައްކައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން ހިމެނުނު ނަމަވެސް، އޭނާއަށް ކުރިން ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ގޯއްޗެއް ލިބިފައިވާތީ ޝަރުތު ހަމަނުވާ ކަމަށް ފާހަގަކުރެވުނެވެ.

ފުލުހުންގެ ބުނުމުގައި، މި މައްސަލައިގައި ފަޒީލާ ސުވާލުކުރެވިފައިވާ ކަމަށާއި، ގޯއްޗަށް ޝަރުތު ހަމަނުވުމުން އޭނާ ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ޝަކުވާ ހުށަހެޅި ކަމަށް ފާހަގަކޮށްފައިވެއެވެ.

ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވެފައިވަނީ މި މައްސަލައިގައި އޭނާގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށާއި، މައްސަލަ ފެންމަތިވެފައިވަނީ އޭނާގެ ބޭބެއާ ގުޅޭގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ފަޒުލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެންބަރުންތަކަކާއި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ވަނީ ސަސްޕެންޑް ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *