މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމެންޓް މިނިސްޓްރީ ހިންގާ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީން އެދެން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކުއްލި ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީން މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދަންނަވާނެ ކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ނަމަ، މަޖިލިހުގެ 31 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ. އެކަމަކު، އެއީ އެމްޑީޕީގެ މެމްބަރުންނަށް އެކަނި ވާނެ ކަމެއް ނޫނެވެ. އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި މަޖިލިހުގައި ތިއްބެވީ 12 މެމްބަރުންނެވެ. އެކަން އެމްޑީޕީއަށް ކުރެވެން އޮތީ ޕީއެންސީގެ ބައެއް މެމްބަރުންގެ އެހީއާއެކުގައެވެ.
ނާޒިލް ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ މައްސަލައަކަށް ވާތީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ ދައުރުން ބޭރުގައި ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ބާއްވަންވާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ކުރުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްދޭ ކޮމިޓީ (241 ކޮމިޓީ) އަށް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.