ދެކުނު ކޮރެޔާގެ ރައީސް މަގާމުން ދުރުކުރަން ފާސްކޮށްފި

ދެކުނު ކޮރެޔާގެ ރައީސް މަގާމުން ދުރުކުރަން ފާސްކޮށްފި

ދެކުނު ކޮރެޔާގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ނެގި ވޯޓުގައި، ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފިއެވެ.

މަޖިލީހުގެ 300 މެންބަރުންގެ ތެރެއިން 204 މެންބަރުން ވަނީ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައެވެ. އަދި 85 މެންބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މީގެ އިތުރުން ތިން މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާއިރު، އަށް ވޯޓު ބާތިލުވެފައިވެއެވެ. މިއީ ރައީސް ޔޫން މަގާމުން ދުރުކުރުމަށް ދެވަނަ ފަހަރަށް ނެގުނު ވޯޓެވެ.

ޔޫން މަގާމުން ދުރުކުރުމަށް ގޮވާލައި ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ގާތްގަނޑަކަށް 200،000 މީހުން މުޒާހަރާކޮށްފައިވެއެވެ. ނަމަވެސް މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް، އެކަމާމެދު ގޮތެއް ނިންމާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ. އަދި ރައީސް މަގާމުގައި ދެމެހެއްޓުމުގެ ބާރުވެސް އެ ކޯޓަށް ލިބިގެންވެއެވެ.

ރައީސް ޔޫންގެ ޒިންމާތައް ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ބޮޑުވަޒީރު ހާން ޑަކް-ސޯ ވިދާޅުވެފައިވަނީ، ހަމަޖެހުން ގާއިމުކުރުމަށް އެމަނިކުފާނުގެ ހުރިހާ ހަކަތައެއް ބޭނުންކުރައްވާނެ ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު ރައީސް ޔޫން އަސްކަރީ ގާނޫނު އިއުލާންކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައެވެ. ނަމަވެސް މަޖިލީހުން ފާސްނުވުމާ ގުޅިގެން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި އަނބުރާ ގެންދަވާފައިވެއެވެ. އަދި މިކަމަށް ރައީސް ޔޫން ވަނީ އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

ގައުމަށް ހިޔާނާތްތެރިވެވަޑައިގަތް ކަމުގެ ތުހުމަތުގައި ޔޫންއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް މިހާރު ފަށާފައިވެއެވެ. އަދި ގައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އެމަނިކުފާނުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *