ފެޝަނިސްޓާ ނީނާ ގުޕްތާގެ ފަހުގެ ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާ ގަބޫލު ކުރާގޮތުގައި އެކްސަސައިޒް ކުރުމަށް ކޮންމެހެން ކަސްރަތު ކްލާސް ތަކަށް ލާރި ހޭދަކުރުމަކީ ބޭކާރުކަމެކެވެ. ނީނާ ގަބޫލުކުރަގޮތުގައި ޔޯގާ އަކީ އަމިއްލައަށް ކުރެވިދާނެ ފައިދާހުރި ކަމެކެވެ.
ނީނާގެ އިންސްޓަގްރާމް އެކައުންޓަށް ބަލައި ލުމުންވެސް އޭނާއަކީ ޔޯގާ އާއި ބެހޭ ވަރަށް ގިނަ މައުލޫމާތު އެނގޭ މީހެއްކަން އެނގޭނެއެވެ. ނީނާ ވަނީ ލޮކްޑައުން ފެށުނީސްސުރެ އުތުރާކަންޑުގައި ހުންނަ އޭނާގެ ހޮލިޑޭ ހޯމްގައި ފިރިމިހާ ވިވެކް މެހެރާއާއި ދަރިފުޅު މަސާބާ ގުޕްތާއާއިއެކު ސެލްފް އައިސޮލޭޓްވެފައެވެ. މަސާބާއަކީ މަޝްޙޫރު ޑިޒައިނަރެކެވެ.
މަސާބާއަކީ ވެސް ޔޯގާއަށް ސަމާލުކަންދޭ މީހެކެވެ. އަބަދުވެސް އޭނާގެ ބިޒީ ޝެޑިއުލްގައި ޔޯގާ ސެޝަންއެއް ހިމަނައެވެ. މަސާބާއާ އެކު ނީނާ ކުރިއަށްގެންދިޔަ ޔޯގާ ސެސަނަކަށްފަހު، ކަސްރަތު ކުލާސްތަކުގައި ކޮންމެހެން ބައިވެރިވުމަކީ ބޭކާރު ކަމެއް ކަމަށްބުނެ ވީޑިއޯއެއް ނީނާ ވަނީ ހިއްސާކޮށްފަ އެވެ.
މި ވީޑިއޯގައި ފެނިގެންދަނީ ނީނާއާއި މަސާބާ އަވީގައި އިށީނދެލައިގެން ތިބެ ވާހަކަދައްކަނިކޮށެވެ. މި ވީޑިއޯގައި ނީނާ ބުނެފައިވަނީ މިޒަމާނުގެ ކުދިން އެކްސާސައިޒް ކުލާސް ތަކަށް 25-35 ހާހަކަށް އިންޑިއާ ރުޕީސް ހޭދަކުރާ ކަމަށާއި އެކަންނުކޮށް އަމިއްލައަށް ގޭގައި ޔޯގާ ހެދޭނެ ކަމަށެވެ.
އަދި އޭނާ ކުޑައިރުއްސުރެ ޔޯގާ ހަދަނީ އަމިއްލައަށް ކަމަށާއި އޭނާއަށް މިހާރު ޔޯގާގެ ހުރިހާ އެއްޗެއް އެނގޭ ކަމަށްވެސް ވީޑިއޯގައި ބުނެފައިވެއެވެ. ނީނާ ވަނީ ލޮކްޑައުންގެ ވަގުތު ތަކުގައި އޭނާގެ ފޭނުންނަށް ދިރިއުޅުމުގައި ހިނގަމުނާ ކަންކަން ސޯޝަލްމީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
61 އަހަރުގެ ނީނާގެ ފަހުގެ ފިލްމުތަކުގެ ތެރޭގައި "ބަދާއި ހޯ"، "ޕަންގާ" އަދި "ޝުބް މަންގަލް ޒިޔާދާ ސާވްދާން" ފަދަ ފިލްމުތައް ހިމެނެއެވެ.