ޑާކްރެއިން އެންޓަޓެއިންމަންޓުގެ ސިޓްކޮމް "ރޫމީ އާ ޖަންނަތު" ޖަނަވަރީ 1 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
މީޑިއާނެޓްގެ މޯބައިލް އެޕް "މީޑިއާނެޓް މަލްޓި ސްކްރީން" ގައި މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް އަޅުވަން ހަމަޖެހިފައި ވަނީ އައު އަހަރުގެ ފުރަތަމަ ދުވަހުގެ ރޭ ކަމަށް ޑާކްރެއިން އާއި މީޑިއާނެޓުންވެސް ބުނެއެވެ. އަދި މި އެޕިސޯޑު މިޅިން ހިލޭ ބަލާލެވޭނެ ކަމަށްވެސް ޑާކްރެއިނުން ބުނެއެވެ.
ޑާކްރެއިންގެ ފުރަތަމަ ސިޓްކޮމްގައި، ސީރީޒްގެ ނަން ނިސްބަތްވާ ރޫމީ އަކީ އަބްދުﷲ ޝާފިއު (ފުބޫ) އެވެ. އަދި ޖަންނަތުގެ ކެރެކްޓަރ އިން މަރްޔަމް މަޖުދާ (މަޖޫ) ފެންނާނީ ސިފައިންގެ މީހެއްގެ ގޮތުގައެވެ.
މި ތަރިންގެ އިތުރުން ދެން މި ސީރީޒްގައި ފެންނާނީ ޝީލާ، ސައީދު ،ހަސަން މަނިކު، ފައިސަލް، އާދަމް ރިޒްވީގެ އިތުރުން މާރިޔާ ތެރޭސާއެވެ.
ޑާކްރެއިންގެ ކާމިޔާބު މަސައްކަތްތައް ކަމަށްވާ މީ ލޯތްބަކީ، މާމުއި، އަދި ވާށޭމަށާ އެކީ ބެލުންތެރިންނާ ހަމައަށް ގެނެސްދިން ޓީމުގެ މި މަސައްކަތަށް ވެސް ގިނަބަޔަކު މިހާރު ތިބީ ކެތްމަދުވެފައެވެ. ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލުގެ ސްކްރީން ޕްލޭއަށް މި ސީރީޒް ޑައިރެކްޓް ކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ.
މީޑިއާނެޓް އޮރިޖިނަލް އެއްގެ ގޮތުގައި ޑާކްރެއިނުން ގެނެސްދޭ މި ސިޓްކޮމްވެސް ޕްރޮޑިއުސް ކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
"މީޑިއާނެޓް މަލްޓި ސްކްރީން" އެޕް އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގްލްގެ ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.