ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުރިއަށް އޮތީ ނާމާން، ބަނަ ދުވަސްތަކެއް ކަމަށާއި ރައްޔިތުން ފަހަތަށް ނުޖެހި ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފިއެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން" މި ނަމުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ވެރިންނަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށާއި ވެރިކަމަށް އަންނަންވީ ވައުދުތައް ފުއްދަމުން ނުދާތީ ރައްޔިތުން ތިބީ ކަންބޮޑުވެގެން ކަމަށެވެ.
"ދޮގުހަދަނީ، އޮޅުވާލަނީ، މިއަދުގެ ސަރުކާރުގެ ވެރިންނާއި ދޭތެރޭގައި ހަމަގައިމުވެސް ދައްކާ ވާހަކަތަކަށް ރައްޔިތުންގެ އިތުބާރެއް ނެތް. ދެން އެނގޭނޯ ވޯޓެއް ނެގީމަ، ރައްޔިތުން އިތުބާރު ކުރޭތޯ." ސޯލިހު ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ ކުރިމަތިން މިހާރު ފެންނަމުންދާ ވިލާގަނޑުން ފެނިގެންދަނީ ކުރިއަށް ވަރަށް ބަނަ، ބިރުވެރި ނާމާން އަދި ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި މިހާރުން މިހާރަށް މިކަމާއި ފިޔަވަޅު ނޭޅިނަމަ އަނެއްކާވެސް އަނިޔާވެރި ދުވަސްތަކެއް ފެނިގެންދާނެތީ ރައްޔިތުން ނުކުތުމަށް ސޯލިހް ގޮވާލެއްވިއެވެ. އަދި އެމްޑީޕީން އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދުކުރީ، އެތައް ބައެއްގެ ގުރުބާނީތަކާއި ދަތިތަކުގެ ތެރޭގައި ކަމަށާއި އެމްޑީޕީން އޭރު އިސްވެ ކުރި މަސައްކަތުން، ގާނޫނުއަސާސީ އެކުލަވައިލީ، ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށް، މިނިވަންކަމާއި ހައްގުތައް ކަށަވަރުވެފައި އޮތުމުގެ މައްޗަށް ކަމަށް ސޯލިހް ވިދާޅުވިއެވެ.
ނަމަވެސް، މިއަދު އަނެއްކާވެސް މި ފެންނަނީ، ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅި، ރައްޔިތުންނަށް ގާނޫނުއަސާސީން ލިއްބައިދީފައިވާ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމުގައި ސޯލިހް ވިދާޅުވިއެވެ.
"ފަހަށް ނުޖެހި ނުކުންނަންވީ. އޭރަށް އަޑު އަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން މަޖުބޫރުވާނެ. ބާރު އޮތީ ރައްޔިތުންގެ އަތުގައި،" ސޯލިހް ވިދާޅުވިއެވެ.
"މި ސަރުކާރުގެ އަމާޒަކީ ހުދުމުހުތާރު ވެރިކަމެއް މި ރާއްޖޭގައި އަނެއްކާވެސް ގާއިމުކުރުން. ބާރުތައް އެ ގެންދަނީ އިންތިހާއަށް މުށުތެރެޔަށް ލަމުން. އިލެކްޝަން ކޮމިޝަނާއި އޭސީސީ މުށުތެރެއަށް ލައިފި، އެމްއެމްއޭގެ ބާރުތައް ރައީސް އޮފީހުން ނަގައިފި. މަނިޓަރީ ޕޮލިސީގެ މިނިވަންކަން މުޅިން ނައްތާލައިފި. ބޭންކް އޮފް މޯލްޑިވްސްގެ ތެރެޔަށް އަތްބާނާ އެ ބޭންކުގައި ހުރި ރައްޔިތުންގެ ސޭވިން އެކައުންޓުގައި ހުރި ފައިސާ އާ ދޭތެރޭގައި މިއަދު ކަށަވަރު ކަމެއް ނެތް." ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި އަނެއްކާ ވެސް ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރާށެވެ. އެންމެން ނުކުމެއްޖެ ނަމަ، ހައްގުތައް ދޭން މަޖުބޫރުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ދަންނަވަންތޯ އެއްވެސް ހައްގަކީ މީހަކު ހެޔޮ ހިތުން ތަބަކަކަށް ލާފައި ދޭނެ އެއްޗެއް ނޫން. ހައްގުތައް ޖެހޭނީ ހޯދަން. މީގެ ކުރިން ވެސް އަޅުގަނޑުމެން ހައްގުތައް ހޯދިން. މިއަދު ވެސް އަޅުގަނޑުމެން އަނެއްކާ ނުކުމެ މި ތިބީ އެ ހައްގުތައް ކަށަވަރު ކުރަން،" ސޯލިހް ވިދާޅުވިއެވެ.