ރާއްޖެއާއި އިންޑިއާގެ މުމްބާއީ އަދި ދިއްލީއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތަކެއް ބޭއްވުމަށް އެއާ އިންޑިއާއިން ވަނީ ނިންމައިފިއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ދެ ސިޓީއިން މާލެއަށް އަލަށް ތައާރަފުކުރާ ފްލައިޓްތަކުގެ ސަބަބުން ކަނެކްޓިވިޓީ އިތުރުވެ، ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެއެވެ.
ދިއްލީއިން މާލެއަށް ފްލައިޓް އޭއައި 2273 ފުރާނީ ހެނދުނު 10:15 ގައި ކަމަށާއި، މާލެ އަންނާނީ 4 ގަޑިއިރުގެ ދަތުރަކަށްފަހު މެންދުރުފަހު 1:50 ގައެވެ. އަދި އެނބުރި ދިއްލީއަށް ދާ ފްލައިޓް އޭއައި 2274 މެންދުރުފަހު 2:50 ގައި މާލެއިން ފުރައިގެން ދިއްލީއަށް ޖައްސާނީ ރޭގަނޑު 7:25 ގައެވެ.
މުމްބާއީއިން މާލެއަށް އަންނަ ފްލައިޓް އޭއައި 2271 ފުރަން ހަމަޖެހިފައިވަނީ ހެނދުނު 9:30 ގައެވެ. އަދި މާލެއިން މުމްބާއީއަށް އެނބުރި ދާ ފްލައިޓް އޭއައި 2272 ފުރާނީ މެންދުރު 12:50 ގައެވެ.
ދިވެހިން އެކި ބޭނުންތަކުގައި އިންޑިއާއަށް ގިނައިން ދަތުރުކުރާއިރު، ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ޤައުމެކެވެ. މިވަގުތު އިންޑިއާއަކީ ރާއްޖޭގެ ހަވަނަ އެންމެ ބޮޑު މާކެޓެވެ. އަދި މިއަހަރު މިހާތަނަށް އެ ޤައުމުން 115,011 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ