ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި 248 ސިޔާސީ މުވައްޒަފުންނާ ބެހޭ މަޢުލޫމާތު ހާމަނުކުރަން ރައީސް އޮފީހުން ނިންމާފިއެވެ. މިކަން އެގޮތަށް ނިންމާފައިވަނީ އެއީ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ކަމަށް ބުނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޮކްޓޯބަރު 15 ގައި އިޢުލާންކުރެއްވި ގޮތުގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވީ ނަމަވެސް، މުއްދަތު ހަމަވިއިރު ވަކިކޮށްފައިވަނީ 248 މުވައްޒަފުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހާމަކުރެއްވިއެވެ. ނަމަވެސް މި މުވައްޒަފުންނާ ބެހޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން މި މަޢުލޫމާތު ހޯދަން އެދުމުން، ރައީސް އޮފީހުން ބުނެފައިވަނީ މުވައްޒަފުންގެ ނަމާއި އެ މީހުން މަސައްކަތްކުރި މިނިސްޓްރީތަކުގެ މަޢުލޫމާތު ހާމަކުރުމަކީ އެ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ހާމަވެގެންދާނެ ކަމެއް ކަމަށެވެ. މި ނިންމުމާ ގުޅިގެން މައްސަލަ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިފައެވެ.
ކުރިން ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި ވަކިކުރެވުނު މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މި ބަދަލާ ގުޅިގެން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ މަތި ނުވާނެ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފާރަތްތަކުން ބުނަމުންދަނީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 2500 އަށްވުރެ މަތިވާނެ ކަމުގައެވެ.
ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން އަދިވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.