މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން 1000 އަށްވުރެ ގިނަ މީހުންނަށް ބޭސްފަރުވާގެ އެހީ ހަމަޖައްސައިދީފި

މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން 1000 އަށްވުރެ ގިނަ މީހުންނަށް ބޭސްފަރުވާގެ އެހީ ހަމަޖައްސައިދީފި

މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން 1000 އަށްވުރެ ގިނަ މީހުންނަށް ބޭސްފަރުވާގެ އެހީ ހަމަޖައްސައިދީފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖުމްލަ 8000 މީހުންނަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދީފައިވާކަން ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.

މި މުއްދަތުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ 2023 ވަނަ އަހަރުގައެވެ. އެގޮތުން މިދިޔަ އަހަރު 2379 މީހަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ޒަކާތު ފަންޑުން އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދެނީ ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށެވެ. މީގެ އިތުރުން މިއަހަރު ތެލަސީމިއާ ކުދިންގެ ބޯންމެރޯ ފަރުވާއަށް 10 މިލިޔަން ރުފިޔާ އެންސްޕާއާ ހަވާލުކޮށްފައިވެއެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، 2019 ވަނަ އަހަރު 1289 މީހަކަށް 15.8 މިލިޔަން ރުފިޔާ، 2020 ވަނަ އަހަރު 288 މީހަކަށް 6.2 މިލިޔަން ރުފިޔާ، 2021 ވަނަ އަހަރު 997 މީހަކަށް 11.6 މިލިޔަން ރުފިޔާ، އަދި 2022 ވަނަ އަހަރު 2030 މީހަކަށް 21.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ މިހާތަނަށް 1017 މީހަކަށް 9.1 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 88.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެހެނީ ވޭތުވެދިޔަ އަހަރުތަކުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބެމުން އައީ 76 މިލިޔަނަށްވުރެ ދަށުގެ އަދަދެކެވެ.

ފިޠުރު ޒަކާތަށް ބަލާއިރު، 2019 އިން 2023 އާ ހަމައަށް ލިބެމުން އައީ 5.6 މިލިޔަން ރުފިޔާއާއި 8.6 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *