އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ރިފޯމްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން، މިދިޔަ އަހަރުތަކުގައި ޒިންމާދާރުކަމެއްނެތި މާލިއްޔަތު ގެންގުޅެފައިވާތީ، މި ސަރުކާރުން ހުރިހާކަމެއް އަލުން ފަށަންޖެހިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ، ކެބިނެޓުން ފާސްކޮށްފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެ ތެރެއިން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އުފުލުން ކަމުގައި ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، އެސްއޯއީތައް ރިފޯމްކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. މި ކުންފުނިތައް އުފައްދާފައިވަނީ މީގެ އަހަރުތަކެއް ކުރިން، ދައުލަތުގެ މާލިއްޔަތު ގަވާއިދު ފަހަނައަޅައި ގޮސް ޚަރަދުކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ. މިހާރު ސަރުކާރުން މަސައްކަތްކުރަމުންދަނީ ކުންފުނިތަކަކީ ޖަވާބުދާރީވާ، ޝެއަރހޯލްޑަރުންގެ މަންފާ އިތުރުކުރެވޭ ތަންތަނަށް ހެދުމަށް ކަމަށާއި، އެއް މަސައްކަތެއް ކުރާ ގިނަ ކުންފުނިތައް އަންނަ އަހަރުގެ ބަޖެޓުގައި މާޖުކުރުމަށް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އާސަންދައިގެ ނިޒާމާ ގުޅޭގޮތުން، ބަލްކް ޕްރޮކިއުމަންޓާއި މޮނިޓަރިންގއާއެކު ގެންނަ ރިފޯމްތަކުން، އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތަށް ބަދަލު ނާންނާނެ ކަމަށާއި، އިތުރު އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ލީކޭޖު ރަނގަޅުކޮށްގެން ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ސޭވްކުރެވޭނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ފާހަގަކުރެއްވިއެވެ.
ޕެންޝަން ނުވަތަ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ކުޑަކޮށް ކަނޑާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އެހެންނަމަވެސް ޑަބަލް ޕެންޝަނާއެކު މާބޮޑު އުސޫލެއްނެތި އޮތް ނިޒާމު ރިފޯމްކުރުމާމެދު މަޝްވަރާކުރެވެމުންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ބަޖެޓުގައި މުސާރައަށް ހިމަނާފައިވާ އަދަދު ބޮޑުކަމަށް ބައެއް ފަރާތްތަކުން ފާޅުކުރާ ނުރުހުމާ ގުޅިގެން، އެއީ ސިވިލް ސަރވިސްގެ ޕޭ ހާމަނައިޒް ނުކުރެވިހުރި މުވައްޒަފުންނާއި ޖުޑިޝަރީގެ މުސާރަ އެއްހަމަކުރުމުގެ ބައި ކަމުގައި ވިދާޅުވިއެވެ.