ބްރޯޑްކާސްޓް ކޮމިޝަނާއި އެމްއެމްސީ އެއްކޮށްލާ، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ބިލެއް ހުށަހަޅައިފިި

ބްރޯޑްކާސްޓް ކޮމިޝަނާއި އެމްއެމްސީ އެއްކޮށްލާ، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ބިލެއް ހުށަހަޅައިފިި

ގުޅުންހުރި

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލައި އައު ކޮމިޝަނެއް އުފެއްދުމަށާއި، ނޫސްވެރިންނަށް ވަކިން ޖޫރިމަނާ ކުރެވޭނެ އަދަދު ގިނަވެގެން 10،000 ރުފިޔާއަށް ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު ހުށަހަޅާފައިވަނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކްޓް' ގެ ނަމުގައި އައު ޤާނޫނެއް އުފެއްދުމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ، ފަހުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބްދުލް އަބޫބަކުރެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމުން ރައީސުލްޖުމްހޫރިއްޔާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން' އުފައްދަވާނެއެވެ. މިގޮތުން، ކޮމިޝަނަށް ޤާނޫނީ މިނިވަންކަން ލިބި، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި މުޢާމަލާތް ކުރުމުގެ ބާރު ލިބިގެންވެއެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމުން، ނޫސް މަޖައްލާތަކާބެހޭ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނާއި ބްރޯޑްކާސްޓިންގ ޤާނޫނުގެ 3 އިން 18 އަށް، 20 އިން 37 އަށް އަދި 42 އިން 45 އަށް ހުރި މާއްދާތައް އުވާލެވޭނެއެވެ.

މިއާއެކު އަންނަނިވި މަޤާމުތައް އުވާލެވޭނެއެވެ:

– އެމްއެމްސީގެ މެންބަރުން
– އެމްއެމްސީގެ ރައީސް އަދި ނައިބު ރައީސް
– އެމްބީސީގެ މެންބަރުން
– އެމްބީސީގެ ރައީސް އަދި ނައިބު ރައީސް
– އެމްބީސީގެ ސެކްރެޓަރީ ޖެނެރަލް

މި މަޤާމުތައް އުވާލެވުނު ނަމަވެސް، އެމްއެމްސީ އަދި އެމްބީސީގައި މަސައްކަތްކުރާ މުވައްޒަފުން އައު ކޮމިޝަނަށް ބަދަލުކުރެވޭނެއެވެ.

ބިލުގައިވާ ގޮތުން، އައު ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެތެރެއިން ހަތަރު މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުމާއެކުގައެވެ. އަނެއް ތިން މެންބަރުން އައްޔަންކުރާނީ މީޑިއާތަކުންނެވެ. މި ތިން މެންބަރުން އައްޔަންކުރާނީ ރަޖިސްޓްރީކޮށްގެން ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ބިލުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ލިބިގެންވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކޮމިޝަނުގެ މަސައްކަތްތައް ބަލަހައްޓާނެއެވެ.

ނޫސްވެރިންނާއި ބްރޯޑްކާސްޓިންގ އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އެއީ:

– އިސްލާމްދީނާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުން
– ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން
– ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން
– އިޖްތިމާޢީ އަޚްލާޤާއި ޢާންމު ނިޒާމު ދެމެހެއްޓުން
– މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން
– އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން
– ތެދު އަދި ވަކިފަރާތަކަށް ނުޖެހޭ މަޢުލޫމާތު ޝާއިޢުކުރުން
– ޢާންމު މަޞްލަޙަތާގުޅޭ ކަންކަމުގައި ތަފާތު ޚިޔާލުތަކާއި ވިސްނުންތަކަށް ޤާނޫނުގެ ތެރެއިން ޖާގަދިނުން
– މުޖުތަމަޢުގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކާ ގުޅޭ މަޢުލޫމާތާއި ޚަބަރު ޝާއިޢުކުރުމުގައި އެފަރާތްތަކުގެ ޙައްޤުތައް ޚާއްޞަކޮށް ރައްކާތެރިކުރުން

އައު ކޮމިޝަނަށް ޤާނޫނުގެ ދަށުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވެއެވެ. މިގޮތުން، މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކުރުމަށްފަހު އެފަރާތްތަކަށް ސުލޫކީ މިންގަނޑެއް އެކުލަވާލުމަށް ކޮމިޝަނަށް ލާޒިމުކުރެއެވެ.

މީގެ އިތުރުން، ނޫސްވެރިންނާއި އެޑިޓަރުންގެ ރަޖިސްޓަރީއެއް އެކުލަވާލައި ބެލެހެއްޓުމާއި، ބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސް ދޫކުރުމާއި، ނޫސް މަޖައްލާތައް ރަޖިސްޓަރީކުރުމާއި، މީޑިއާތަކުން ޝާއިޢުކުރާ ކޮންޓެންޓް މޮނިޓަރކުރުން ކޮމިޝަނަށް ލާޒިމުކުރެއެވެ.

އިތުރު ޒިންމާތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި ކޮމިޝަނުން އެކްރެޑިޓްކުރާ ނޫސްވެރިންނަށް ޕްރެސް ކާޑު ދޫކުރުން ހިމެނެއެވެ.

ސުލޫކީ މިންގަނޑާ ޚިލާފުވާ މީޑިއާތަކަށް ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، މަޢާފަށް އެދުމަށް އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެއެވެ.

މިގޮތުން، ސުލޫކީ މިންގަނޑާ ޚިލާފުވާ މީޑިއާތަކަށް 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ނޫސްވެރިންނަށް ވަކިން 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ބިލުގައިވާ ގޮތުން، މީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކުރުމާއި، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

އަދި މީގެ އިތުރުން، ޒަމާނާ އެއްގޮތްވާ ލުއިފަސޭހަ އަދި ހަރުދަނާ އުސޫލުތަކެއްގެ ދަށުން ނޫސް މަޖައްލާތައް ރަޖިސްޓަރީކުރުމާއި، ބްރޯޑްކާސްޓިންގ އަދި މީޑިއާގެ ކަންކަން ބަލަހައްޓާނެ ވަކި ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ