ޑިސެމްބަރު 27 އަކީ ސުޕަރ ސްޓަރ ސަލްމާން ޚާންގެ އުފަންދުވަހެވެ. މިއަހަރު ސަލްމާނަށް މިވަނީ 55 އަހަރު ފުރިފައެވެ.
އާންމުކޮށް އާއިލާ އާއި ރައްޓެރިންގެ އިތުރުން ފޭނުންނާއެކުވެސް އުފަންދުވަސް ފާހަގަކުރާ ސަލްމާން މިފަހަރު މާ ކުލަގަދަކޮށް އުފަންދުވަސް ފާހަގަކުރާކަށް ބޭނުމެއް ނުވިއެވެ.
ސަލްމާން އުފަންދުވަސް ފާހަގަކުރުމަށް މިއަހަރު ހަމައެކަނި އާއިލާ އާއެކު ކޭކެއް ފާޅާލީއެވެ. އެގޮތުން ރޭ ދަންވަރު އާއިލާ އާއެކު ޕަންވެލްގެ ފާމްހައުސްގައި ކޭކު ފެޅުމަށްފަހު ބޭރުގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލްމާން ބުނީ މިއަހަރު އެއްވެސް އުފާފާޅުކުރުމެއް ނެތް ކަމަށެވެ. އަދި ކޭކުފަޅާލީ ހަމައެކަނި އާއިލާ އާއެކު ކަމަށް ސަލްމާން ވަނީ ބުނެފައެވެ. މިފަދަ އަހަރެއްގައި އުފަންދުވަސް ފާހަގަކުރަން އެކަކުވެސް ބޭނުން ނުވާނެ ކަމަށް ސަލްމާން ބުންޏެވެ.
ނަމަވެސް އަންނަ އަހަރު އުފާ ފާގަތި ކަން އެންމެނަށް އެދޭ ކަމަށާއި، އެންމެންވެސް ރައްކާތެރިކަމާއެކު ރަނގަޅު ސިއްހަތުގައި ތިބުމަށް އެދޭކަމަށްވެސް ސަލްމާން ބުންޏެވެ.
ސަލްމާންގެ ކުރިއަށްއޮތް ފިލްމު "ރާދޭ" ރިލީސްކުރާނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކުރުމުން ބުނީ، އާންމުންނަށް ރައްކާތެރިކަމާއެކު ފިލްމު ބަލަން ނުކުމެއުޅެވޭނެ ދުވަހެއް ސީދާ ނޭނގޭއިރު ފިލްމު އަޅުވާނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ޢީދާ ހަމައަށް ކަންކަން ރަނގަޅުވެއްޖެ ނަމަ އެއީ އޭއީ ފިލްމު ރިލީސްކުރާނެ ދުވަސް ކަމަށްވެސް ސަލްމާން ބުންޏެވެ. ނަމަވެސް އެއީ މުހިންމު ކަމެއް ނޫންކަމަށާއި މުހިންމީ އެންމެންގެ ސިއްހަތު ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ޢީދާއި ދިވާލީ އަކީ އާންމުކޮށް ސަލްމާން ޚާންގެ ފިލްމުތަށް އެޅުވުމުގައި އިސްކަންދޭ ދެ ދުވަހެވެ.
ސަލްމާންގެ އުފަންދުވަސް ފާހަގަކުރަން އޭނާ ބޭނުން ނުވިޔަސް، ކޮންމެ އަހަރެއްގައި ވެސް ޑިސެމްބަރު 27 ވަނަދުވަހު، ސަލްމާންގެ އަންނައުނު ބްރޭންޑް ކަމަށްވާ ބީން ހިއުމަންގެ އިން ކުރިއަށްގެންދާ 50 އިންސައްތަ ޑިސްކައުންޓް ސޭލް މިއަހަރުވެސް ކުރިއަށްގެންދެއެވެ.
Being Human Clothing is at Flat 50% today.
What are you waiting for? @bebeinghuman
Shop in-stores, https://t.co/3eWdlFgSzG & https://t.co/cd7JaYWcWL pic.twitter.com/xdXWhi66Q3— Salman Khan (@BeingSalmanKhan) December 27, 2020
މިއަހަރު މި ސޭލް 27 އަދި 28 ވަނަ ދުވަހު ބާއްވާގޮތަށް ސަލްމާން ވަނީ ނިންމާފައެވެ. އަދި ސޭލްގައި ބައިވެރިވުމަށް ބީން ހިއުމަންގެ ސްޓޯރ ތަކަށް ދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ.
ގިނަ އަދަދެއްގެ ފިލްމީ ފަންނާނުންވެސް ގެންދަނީ ސަލްމާންގެ އުފަންދުވަހުގެ ތަހުނިޔާ ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތަކުން ފޮނުވަމުންނެވެ.