ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބަޔަކު ތަހުގީގު ނިމެންދެން ބަންދު ކޮށްފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބަޔަކު ތަހުގީގު ނިމެންދެން ބަންދު ކޮށްފި

Author
ހުސައިން
09 ނޮވެމްބަރ 2024 09:51
0

ކްރިމިނަލް ކޯޓުން އަމުރެއް ނެރެ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުން ތަހްގީގު މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ނ. މަނަދޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނަކާއި، އއ. މާޅޮހަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކާއި، ގދ. ވާދޫއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނަކާއި އަދި މާލެއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ. މި އެންމެން ބަންދުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ތަހުގީގު ބަޔާންތަކާއި، ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި، އިންޓަލިޖެންސް ރިޕޯޓުގެ އިތުރުން އެހެނިހެން ހެކިތައް ހިމެނެއެވެ.

ފުލުހުން ފާހަގަކުރާ ގޮތުގައި މިއީ ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީގެ ކުށްތަކަކާ ގުޅުންހުރި މައްސަލައެކެވެ. މާރާމާރީ ހިންގުމަށްފަހު މި ހުރިހާ މީހުން އެއްފަހަރާ ރަށަކަށް ދިއުމުން، މިއީ ޖަމާއަތް ހަދައިގެން ގުޅިގެން ހިންގާފައިވާ ކުށުގެ އަމަލުތަކެއްކަން ސާފުވެއެވެ. މީގެ އިތުރުން، މި ހަތަރު މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް އަދި މި މައްސަލައިގައި ސީދާ ބައިވެރިވެ، އެހެން ފަރާތްތަކަށް ޖިސްމާނީ އަނިޔާ ދީފައިވާ ބައެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މި ސަބަބުތަކަށްޓަކައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މި މީހުން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.