ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ބަންދު ކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ބަންދު ކޮށްފި

Author
ހުސައިން
08 ނޮވެމްބަރ 2024 07:45
0

ގޭންގު މާރާމާރީއެއް ހިންގުމުގައި ތޫނު ހަތިޔާރު ބޭނުންކުރިކަމުގެ ތުހުމަތުގައި ހަތަރު ޒުވާނުން ތަހުގީގީ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ބަންދުކުރެވުނު މީހުންނަކީ 21 އަހަރުގެ ދެ ޒުވާނުންނާއި، 22 އަހަރުގެ ޒުވާނަކާއި، 23 އަހަރުގެ ޒުވާނެކެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މި ހަތަރު މީހުންގެ މައްޗަށްވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ތަހުގީގީ ބަޔާންތަކާއި، ސީސީޓީވީ ފުޓޭޖު، އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން އެހެނިހެން ހެކިތައް ހިމެނެއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މާރާމާރީ ހިންގި ސަބަބާއި އޭގެ އިތުރު ތަފުސީލުތައް އިންޓެލިޖެންސް ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި މި މާރާމާރީގައި ޖިސްމާނީ އަނިޔާއެއް ލިބުނުކަން ސާބިތުކޮށްދޭ ހެކިވެސް ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މާރާމާރީ ހިންގުމަށްފަހު މި މީހުން އެހެން ރަށަކަށް ފުރައިގެން ގޮސްފައިވާތީ، ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ހާޒިރުކުރެވުނީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް، މިހާރު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، މި މީހުން ބަންދުގައި ބައިތިއްބާނީ ދޫނިދޫ ޖަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.