އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް މުހިންމު އިސްލާހެއް ޓްރާންސްޕޯޓު މިނިސްޓްރީން ގެނެސްފިއެވެ. މި އިސްލާހާއެކު، ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ ކުރިން އެ އުޅަނދު ބޭއްވޭނެ ގަރާޖެއް އޮތްކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ ފަރާތަކުން ބަލައި ކަށަވަރުކުރަން ޖެހޭނެއެވެ.
ކުރިން މި ގަވާއިދުގައި އޮންނަ ގޮތުން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހަމައެކަނި ބޭނުންވަނީ އެ އުޅަނދު ބޭއްވޭނެ ގަރާޖެއް އޮތްކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން، އަދި ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއެވެ. އަދި އެ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައްވެސް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އޭރު އެ ގަރާޖުގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ކަށަވަރުކުރާކަށް ނުޖެހެއެވެ.
މާލެ ސަރަހައްދުގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ގިނަވެ، ޕާކިންގ ޖާގައިގެ ދަތިކަން އިތުރުވަމުން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ ބައެއް ފަރާތްތަކުން ގަރާޖު ނެތި ނުވަތަ ގަރާޖުގައި ޖާގަ ނެތި، އޮޅުވާލައިގެން ގަރާޖު ސިޓީ ހަދައި އުޅަނދު އެތެރެކުރަމުން ދިއުމެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މާލެ ސިޓީ އާއި އެޗްޑީސީގެ ދަށުން ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ޖާގަތަކާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ވިޔަފާރިއާއި ގުދަނުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ތަންތަން އެއްވިއުގައަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ. މިގޮތުން އަމިއްލަ ފަރާތްތަކުގެ ގަރާޖުތަކާއި، ސަރުކާރުގެ ޕާކިންގ ބިލްޑިންގތަކާއި އަދި އެހެނިހެން ގަރާޖުތައްވެސް މި ވިއުގައިގައި ހިމެނޭނެއެވެ.
މިކަމުގެ ސަބަބުން އެއް ތަނެއް ދެ ބޭނުމަކަށް ރަޖިސްޓްރީކުރެވުން ހުއްޓުވޭނެކަމަށް ސަރުކާރުން ދެކެއެވެ.