އަދީބު އިސްވެހުރެ އެހާ ބޮޑު ކަރަޕްޝަނެއް ހިންގަމުންދިޔަކަން ކުޑަކޮށްވެސް ނުދެނަހުރިން: ޔާމިން

އަދީބު އިސްވެހުރެ އެހާ ބޮޑު ކަރަޕްޝަނެއް ހިންގަމުންދިޔަކަން ކުޑަކޮށްވެސް ނުދެނަހުރިން: ޔާމިން

ވެރިކަމުގައި 2015 ވަނަ އަހަރު އަނބިކަނބަލުން ފާތިމަތު އިބްރާހީމްއާއެކު ހައްޖަށް ވަޑައިގަތުމާ ހަމައަށް، އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނުގެ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ކުރީގެ ނާއިބު ރައީސް އަދީބު އިސްވެހުރެ އެހާބޮޑު ކޮރަޕްޝަނެއް ހިންގަމުންދިޔަކަން ކުޑަކޮށްވެސް ނުދެނަ ހުރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 'ރާއްޖެ ޓީވީ' އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، އޭރު ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު އަދީބު ޓުއަރިޒަމް މިނިސްޓްރީ ހިންގަވަމުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް މިފަދަ ބޮޑު ކޮރަޕްޝަނެއް ހިންގަވާކަން އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަޅުގަނޑަށް ކުޑަކޮށް ވެސް ނޭނގޭ، ނައިބު ރައީސަކަށް އަހުމަދު އަދީބު ހުންނަވައިގެން ޓުއަރިޒަމް މިނިސްޓްރީ ހިންގަވަމުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް މި ވަރުގެ ބޮޑު ކޮރަޕްޝަނެއް، މި ވަރުގެ ކަންތައްތަކެއް ހިންގަވާ ކަމެއް އަޅުގަނޑަށް ހަމަ ކުޑަކޮށް ވެސް ހިލަމެއް.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހިޔާނާތުގެ ދައުވާތައް ވެސް އުފުލާފައިވާ ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ، އެކަމުގެ މަޢުލޫމާތު ފާހަގަވާން ފެށީ ހައްޖަށް ވަޑައިގަތުމުގެ ކުރިން، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ގެންނެވި ބަޖެޓުގެ ހިސާބުތަކުންނެވެ. ބަޖެޓުގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބޭ އާމްދަނީގެ ގޮތުގައި ވަރަށް ކުޑަ އަދަދެއް ޖަހާފައި އޮތްއިރު، ގިނަ ރަށްތަކާއި ފަޅުތައް ވަނީ ދޫކޮށްފައިކަން ފާހަގަކުރެއްވިއެވެ. މީރާއިން ހޯއްދެވި މަޢުލޫމާތުން އެނގުނު ގޮތުގައި، ރަށްތަކާއި ފަޅުތައް ވިއްކައިގެންނާއި ކުއްޔަށް ދީގެން ލިބިފައިވަނީ 10 މިލިއަން ޑޮލަރަށްވުރެ ކުޑަ އަދަދެކެވެ.

ޖިހާދު ބަޖެޓު ގެންނެވި އިރު ބަޖެޓުގައި އާމްދަނީއަށް ރަށްރަށް ވިއްކައިގެން މި ވަންނަ އެކުއިޒިޝަން ކޮސްޓްއަށް ވަރަށް ކުޑަކުޑަ އެއްޗެއް ޖަހާފައި އޮތީ. އޭރު ވަރަށް ގިނަ ރަށްތައް މި ހުރީ ދޫކޮށްފައި. ފަޅުތައް ހުރީ ދޫކޮށްފައި.

ޔާމީން ވިދާޅުވި އެވެ.

އަދީބާ މިކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން، ބަޖެޓު ދެކޮޅުޖެއްސުމަށްޓަކައި ރަށްތައް ވިއްކާފައިވާ ކަމަށާއި، ރީފައިނޭންސް ނުކޮށް ބަޖެޓު މެނޭޖުކުރުމަށް ބޭނުންވާތީ ކަމަށް ވިދާޅުވިކަމަށް ޔާމީން ހާމަކުރެއްވިއެވެ.

އަޅުގަނޑު އަދީބާ ސުވާލު ކުރިން. ކީއްވެގެން ހެއްޔޭ މިހާ ދަށް އަދަދެއް މި އޮތީ؟ ބަޖެޓު މެނޭޖު ނުކުރެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ރަށްތަކެއް ވިއްކީ ބަޖެޓު ދެކޮޅު ޖައްސަން ވެގެނޭ. ރީފައިނޭންސް ނުކޮށް ބަޖެޓު މެނޭޖު ކުރަން ބޭނުންވާތީއޭ.

ރައީސް ޔާމިން ވިދާޅުވި އެވެ.

އަދި ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނީ، ހައްޖުން އެނބުރި ވަޑައިގަތުމަށްފަހު، ޓުއަރިޒަމް މިނިސްޓަރަކު ހަމަޖެއްސެވުމަށް އެންގެވުމުން، އަދީބު ހިތްހަމަނުޖެހިވަޑައިގަތުމުންނެވެ. އޭގެ އިތުރުން، އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތު ޓުއަރިޒަމް މިނިސްޓަރުކަމަށް ހަމަޖެއްސެވުމަށް އަދީބު ހުށަހެޅުއްވުމުން، ޒިޔަތުގެ ބޭބެ އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުރުމުން އެކަމަށް އިންކާރުކުރެއްވުމުން ވެސް އަދީބު ހިތްހަމަނުޖެހިވަޑައިގަތްކަމަށް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑު ބުނިން ޒިޔަތަށް ނުހުރެވޭނެއޭ. ސަބަބަކީ އޮޑިޓަ ޖެނެރަލަށް ލައިފަ އެ ހުރީ ޒިޔަތުގެ ބޭބެއޭ. ޓުއަރިޒަމް މިނިސްޓަރަކަށް އެހެން ބޭފުޅެއްގެ ނަން ދޭށޭ. އަދީބަކަށް ފަސޭހަފުޅެއް ނުވި. ދެން އެ ކަމުގައި ވެސް އަދީބުގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވުނު.

އެމްއެމްޕީއާރިސީގެ މައްސަލާގެ ތަފްސީލްތައް ހާމަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *