ސަރުކާރުން އާސަންދައަށް ގެންނަ ބަދަލުތަކުގެ ހަގީގީ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އެ ނިޒާމުން މަހުރޫމް ކުރުން ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތައާރަފު ކުރި އާސަންދައަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ ނިޒާމެއް ކަމުގައެވެ.
ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ދިވެހި އައިޑީ ކާޑު ދެއްކުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ސިއްޙީ ނިޒާމަކީ، އެމްޑީޕީއިން ރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ އެކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ހައްގަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރައްވައިފިއެވެ.
ސަރުކާރުން މިފަހުން ވަނީ އެނދުމަތިނުކޮށް ދެވޭ ފަރުވާއަށް އަމިއްލަ އިންޝޫރެންސުން ކަނޑާގޮތަށް އާސަންދައިން ޚިދުމަތްދޭ ގޮތުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޝާހިދު ވިދާޅުވެފައިވާ ގޮތުގައި، މި ބަދަލުތަކުގެ ހަގީގީ އަމާޒަކީ، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އާސަންދަ ނިޒާމުން މަހުރޫމްކޮށް، ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަކޮށް، މުޅި ސިއްހީ ނިޒާމު ސިޔާސީ ކުރުމެވެ.
ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް, ދިވެހި އައިޑީ ކާޑު ދައްކާލުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ޞިއްޙީ ނިޒާމަކީ އެމްޑީޕީ@MDPSecretariat އިން މިރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް.
އަދި ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް,…
— Abdulla Shahid (@abdulla_shahid) November 4, 2024
އާސަންދަ ނިޒާމަށް ސަރުކާރުން މިގެނައި ބަދަލަކީ ދައުލަތުގެ ޚަރަދުކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
އާސަންދައިން ކުރަމުންދާ ޚަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެއަށް ލަފާދީފައެވެ. މި ބަދަލުތަކާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔުމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވަނީ، އެއްވެސް ދިވެހި ރައްޔިތަކަށް އާސަންދަ ނުކަނޑާ ކަމަށާއި، މި ބަދަލާއެކު އައި އެންމެ މުހިންމު ބަދަލަކީ އެއްފަހަރާ ދެ އިންޝުއަރެންސް ސްކީމެއް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައެވެ.