މަނީ ޗޭންޖަރސް ގަވާއިދުން ބޭރުފައިސާ ގަނެއްވިއްކުމަށް ލުއިފަސޭހަކަން އަންނާނެ

މަނީ ޗޭންޖަރސް ގަވާއިދުން ބޭރުފައިސާ ގަނެއްވިއްކުމަށް ލުއިފަސޭހަކަން އަންނާނެ

ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ޚާއްސަ ކުންފުނިތަކެއް މެދުވެރިކޮށް ކުރާގޮތަށް ހަމަޖެއްސުމުން، އެފަދަ ވިޔަފާރިތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަވެގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މިކަން އެމްއެމްއޭއިން ފާހަގަކުރީ މިފަހުން އަމަލުކުރަން ފެށި މަނީ ޗޭންޖަރސް ގަވާއިދާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

1987 އިން ފެށިގެން އަމަލުކުރަމުން އައި ގަވާއިދުގެ ބަދަލުގައި މިހާރު އަމަލުކުރަން ފަށާފައިވާ އައު ގަވާއިދުގެ މައިގަނޑު މަގުސަދަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ހަރުދަނާކޮށް، ޒަމާނީ އުސޫލުތަކަކަށް ބަދަލުކުރުމެވެ.

އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ އައިޝަތު އަސްނާ ހަމްދީ ވިދާޅުވި ގޮތުގައި މިހާތަނަށް 200 އަށްވުރެ ގިނަ ފަރާތަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރީގެ ހުއްދަ ދޫކުރެވިފައިވެއެވެ. ނަމަވެސް އައު ގަވާއިދަށް ގެނެވުނު އިސްލާހާ އެކު މިފަދަ ވިޔަފާރިތަކަށް ޚާއްސަ ތަންތަން ގާއިމްކުރަން ޖެހޭނެއެވެ.

އައު ގަވާއިދުގެ ދަށުން މި ވިޔަފާރި ކުރެވޭނީ އެކަމަށް ޚާއްސަ ކުންފުންޏެއް މެދުވެރިކޮށެވެ. އަދި ފަންތިތަކަށް ބަހާލައިގެން ލައިސަންސް ދޫކުރެވޭނެއެވެ. މީގެ އިތުރުން ލައިސަންސަށް އެދޭ ފަރާތްތަކުން 50,000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެއެވެ. އަސްނާ ވިދާޅުވި ގޮތުގައި ޚާއްސަ ކުންފުންޏެއް މެދުވެރިކޮށް މި ވިޔަފާރި ކުރުމުން، ވިޔަފާރިތަކާ ގުޅޭ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެއެވެ.

އައު ގަވާއިދުގެ ދަށުން ފުރަތަމަ ކެޓަގަރީގައި ލައިސަންސް ދޫކުރެވެނީ ބޭރުފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިއަށެވެ. އަދި ދެވަނަ ކެޓަގަރީގައި ލައިސަންސް ދެވެނީ ހަމައެކަނި ބޭރުފައިސާ ވިއްކުމުގެ ވިޔަފާރިއަށެވެ. މި ގަވާއިދުގެ ދަށުން ޓުއަރިޒަމްގެ ޚިދުމަތްދޭ ފަރާތްތަކުން ލައިސަންސް ނަގަން ނުޖެހޭނެކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 މަސްދުވަހުގެ ތެރޭގައި މިހާރު ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން އަލުން ލައިސަންސަށް އެދެންޖެހޭނެ ކަމަށާއި، މި މަހުގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެމްއެމްއޭއިން ވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *