ސަރުކާރު ހޮސްޕިޓަލްތަކުން 1300 އަށްވުރެ ގިނަ މީހުން މިހާތަނަށް ހިލޭ މެޑިކަލް ޗެކަޕް ހަދާފައިފި

ސަރުކާރު ހޮސްޕިޓަލްތަކުން 1300 އަށްވުރެ ގިނަ މީހުން މިހާތަނަށް ހިލޭ މެޑިކަލް ޗެކަޕް ހަދާފައިފި

މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން 1300 އަށްވުރެ ގިނަ މީހުން މިހާރު އާސަންދަ ސްކީމްގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހަދާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފުތާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެފަހަރު އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެއްދުމުގެ ފުރުސަތު މިއަހަރުގެ ޖުލައި މަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މިގޮތުން އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން މިހާތަނަށް 1336 މެޑިކަލް ޗެކަޕް ހަދާފައިވެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މެޑިކަލް ޗެކަޕް ހެއްދުމުގެ ފުރުސަތު ދިނުމަކީ އަންނަން އޮތް ޖީލުތަކަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ކަމެކެވެ. އަދި މިއީ ބަލިތައް ޖެހުމުގެ ކުރިން ދެނެގަނެވޭނެ ގޮތްތައް ގާއިމުކުރެވިފައިވާ ކަމެއްގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިފަދަ އިންތިޒާމެއް ހަމަޖައްސާފައިވަނީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަނެ، އެކަށީގެންވާ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައެވެ. މީގެ އިތުރުން، އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކެންސަރ ސްކްރީންކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ދާއިމީ ބޮޑެތި ބަލިތައް އިތުރުވެ، ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާތީ، މި ހޭދަ ކުޑަކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ދަށުން ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ހިފުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މި ފުރުސަތުގެ ސަބަބުން ބަލިތައް ދުރާލާ ދެނެގަނެ، އެ ބަލިތަކުން އަރައިގަތުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *