ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު އަނެއްކާވެސް ފަސްކޮށްފިއެވެ. މިދިޔަ އޮކްޓޯބަރު 19 ގައި ބޭއްވުމަށް ފުރަތަމަ ނިންމި އިންތިޚާބު، ނޮވެމްބަރު 9 އަށް ބަދަލުކުރުމަށްފަހު، މިހާރު ވަނީ މި މަހުގެ 23 އަށް ފަސްކޮށްފައެވެ.
ޕީއެންސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ޖުމްހޫރީ ދުވަހާ ގުޅިގެން ނޮވެމްބަރު 10 ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެހެންކަމުން ގިނަ ބަޔަކު ރަށު ބޭރަށް ދާނެތީ، ނޮވެމްބަރު 9 ގައި އިންތިޚާބު ބޭއްވުމުން ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ކެންޑިޑޭޓުންނާއި ގިނަ އަދަދެއްގެ މެންބަރުންގެ އެދުމުގެ މަތިން މި އިންތިޚާބު ފަސްކުރީ ކަމަށް ބުނެފައިވެއެވެ.
މި އިންތިޚާބުގައި ދާއިރާތަކުގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަޤާމުތަކާއި، ޒުވާނުންގެ ހަރަކާތާއި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސްކަމާއި، ސްޓިއަރިންގ ކޮމިޓީގެ މެންބަރުކަމުގެ މަޤާމުތައް ވަނީ ހުޅުވާލާފައެވެ.
މި މަޤާމުތަކަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރު 24 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ. އިންތިޚާބު ބާއްވާނެ ދާއިރާތަކާއި، ކެންޑިޑޭޓުންގެ ނަންތަކާއި، ވޯޓުލާ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ