އަމީނީ މަގުގައި ރޭ ހިނގި ދެ އެކްސިޑެންޓުގެ ތެރެއިން އެއް އެކްސިޑެންޓުގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުރަތަމަ އެކްސިޑެންޓް ހިނގީ ރޭ 8:30 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. އޭގައި އަނިޔާވި ދިވެހި އަންހެނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދެވުނެވެ.
ދެވަނަ އެކްސިޑެންޓް ހިނގީ ރޭ 10:00 ހާއިރު ހަމަ އެ މަގުގައި ދުއްވަމުން ދިޔަ ދެ ސައިކަލް ޖެހިގެންނެވެ. ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. މި ދެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދެއެވެ.
އިތުރުވަމުންދާ އެކްސިޑެންޓުތަކާ ގުޅިގެން، ރައްޔިތުން މަގުމައްޗަށް ނުކުމެ ދަތުރުކުރަން ފަށާތާ ފަސް މިނެޓުގެ ތެރޭގައި ފުލުހަކު ފެންނަންޖެހޭ ގޮތަށް ޕޮލިސީއެއް ވަނީ އެކުލަވާލާފައެވެ. މި ގޮތުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މި މަސައްކަތްތައް މޮނިޓަރކޮށް ވިލަރެސްކުރުމަށް މާލެ އާއި ހުޅުމާލޭގައި ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރުތަކެއް ޤާއިމުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ