އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ "ބޯހިޔާވަހިކަމުގެ ބަޖެޓް"އަކަށް: ރައީސް

އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ "ބޯހިޔާވަހިކަމުގެ ބަޖެޓް"އަކަށް: ރައީސް

2025 ވަނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުޅާ މިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ، ބޯހިޔާވަހިކަމުގެ ބަޖެޓު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ދަރުބާރުގޭގައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމީ ގެދޮރުވެރިކަމެވެ. އަދި ކިޔަވައިގެން ނުކުންނަ ގިނަ ބަޔަކު އުޅެންޖެހެނީ އުޅޭނެ ތަނެއް ނެތުމުން، އާއިލާ މީހުން އެކުގައި ތަނެއް ކުއްޔަށް ހިފައިގެން ކަމަށާއި، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ގެދޮރުވެރިކަން ހާސިލުކޮށްދިނުމަށް ދެ މައިގަނޑު ކަމެއް ހިމާނާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި އޭގެ ތެރެއިން ފުރަތަމަ ކަމަކީ، އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ފިޒިކަލް ކޮންސްޓްރަކްޝަން އަދި ހައުސިންގ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައެޅިފައިވުމެވެ. ދެވަނަ ކަމަކީ، ނޮވެންބަރު ކުރީކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ، 5 ޕަސެންޓަށްވުރެ ބޮޑުނޫން އިންޓަރެސްޓްގައި ދޫކުރާ ހައުސިންގ ލޯން ސްކީމަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅިފައިވުން ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އައިރާދަކުރެއްވިއްޔާ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިގެން އެދާ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި. ދިވެހިރާއްޖޭގެ ތާރީޚުގައި، އެންމެ ފުޅާމިނެއްގައި، ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭ ބަޖެޓު. އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ޙަޤީޤަތުގައިވެސް ތަންފީޒު ވެގެންދާއިރު ވާނީ، ބޯހިޔާވަހިކަމުގެ ބަޖެޓަކަށް.

ރައީސް ވިދާޅުވިއެވެ.

މި ލޯން ސްކީމްގެ ދަށުން، އަމިއްލަ ގޯތީގައި ގެ އެޅުމަށާއި، ނުނިމި ހުރި ގެ ނިންމުމަށާއި، ނިމިފައިވާ ގެ މަރާމާތު ކުރުމަށް ލޯނު ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިގޮތުން ޖުމްލަ 2.5 ބިލިއަން ރުފިޔާ ގެދޮރުވެރިކަމަށް ޚަރަދުކުރެވޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *