މިރޭ އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނޫސްވެރިކަމުގެ އެވޯޑްސް ހަފުލާގައި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދު ހޮވައިފިއެވެ. އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފައިވާ ފަސް ފަރާތުގެ ތެރެއިން ހަމައެކަނި އަންހެން ނޫސްވެރިޔާއަކީ ވެސް ޝަނާއެވެ.
2012 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގެންނެވި ޝަނާއަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާ ކަވަރުކުރެއްވުމަށް ޚާއްސަވެވަޑައިގެންފައިވާ ނޫސްވެރިއެކެވެ. އޭނާ ވަނީ މި ދާއިރާތަކާ ގުޅުންހުރި ގިނަ ލިޔުންތަކެއް ތައްޔާރުކުރައްވާފައެވެ. އޭނާއަށް މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފެވެ.
މި ހަފުލާގައި އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި، އެންމެ މޮޅު ކަވަރޭޖުގެ އެވޯޑާއި، ތަޙުޤީޤީ ނޫސްވެރިކަމުގެ އެވޯޑާއި، ވީޑިއޯ ޑޮކިއުމެންޓްރީ އަދި ފީޗަރ ރިޕޯޓުގެ ދާއިރާއިން ވެސް ވަނީ އެވޯޑުތައް ދެއްވާފައެވެ.
މިރޭ އެވޯޑު ލިބުނު ނޫސްވެރީންގެ ތެރޭގައި:
* އެންމެ އުންމީދީ ނޫސްވެރިޔާ: މުޙައްމަދު ޔަމީން / ނުކުތާ
* އަހަރުގެ އެންމެ މޮޅު ކަވަރޭޖްގެ އިނާމު: ދިވެހި ފުޓުބޯޅައިން ވައި ހިނދި، ފައިސާ ގަދަވުން/ މިހާރު ނޫސް
* ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އޯޑިއޯ ވީޑިއޯ: އަޙްމަދު ޢާއިދު/ އަދަދު ނޫސް
* ތަހުގީގީ ނޫސްވެރިކަމުގެ ދާޢިރާ ނޫސްމަޖައްލާ: އަޙްމަފު ނާއިފް/ ދައުރު ނޫސް
* ވީޑިއޯ ޑޮކިއުމެންޓްރީ ދާއިރާ: މުޙައްމަދު މިރާން ނާޝިމް/ އަދަދު ނޫސް
* ފީޗާ ރިޕޯޓުގެ ދާއިރާ: މުޙައްމަދު މުޒައްޔިނު ނާޒިމް/ ދައުރު ނޫސް
* ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ: ޝަހުދާ މުޙައްމަދު/ ދައުރު ނޫސް
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ ދިގު މުއްދަތަކަށް ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރެއްވި "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަޙްމަދު ޒާހިރު (ފެއަރީ ޒާހިރު) އަދި "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
އެކި ބާވަތުގެ މަޢުލޫމާތު މުޖުތަމަޢަށް ފޯރުކޮށްދިނުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމާއި، ސުލޫކީ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަނީ ނޫސްވެރިންކަމަށް ނައިބު ރައީސް މި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ނޫސްވެރިންނަކީ މުޖުތަމަޢުގައި އަގުހުރި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ހިތްވަރުގަދަ ބައެއްކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.