ފުލުހުންގެ ފަރާތުން މ. ކޮޅުފުށީ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ނޮވެމްބަރގޭ، އިބްރާހީމް އަސްޢަދު (33 އަހަރު) އެވެ. އޭނާގެ އައިޑީ ކާޑު ނަންބަރަކީ A304533 އެވެ.
ފުލުހުން ބޭނުންވަނީ މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކުރުމަށް 2024 ނޮވެމްބަރު 5 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ސާޖަންޓް އާދަމް ހަލީމް އަށް ހާޒިރުވުމަށެވެ. އެހެންނަމަވެސް އޭނާ އުޅޭތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި އިއުލާން ކުރަނީއެވެ.
މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފަހުން ހާމަވި މައްސަލައެއްގައި ޑޮލަރު ވިއްކާކަމަށް ބުނެ، ޑޮލަރު ފޮނުވިކަމުގެ ދޮގު ބީއެމްއެލް ސްލިޕެއް ފޮނުވައިގެން 28,000 ރުފިޔާ ނަގާފައިވާ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އެ މައްސަލައިގައި ގެއްލުން ލިބުނު ފަރާތަށް ފައިސާގެ ބައެއް ވަނީ އަނބުރާ ދެވިފައެވެ. އަދި ބާކީ ފައިސާވެސް އަނބުރާ ދިނުމަށް ކުށްވެރިޔާގެ އާއިލާއިން އެއްބަސްވެފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މިފަދަ މަކަރާއި ހީލަތުގެ ކުށްތައް މަދުކުރުމަށާއި، މިފަދަ ކުށްތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އަދި ކަމާގުޅޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރެއް މިއަހަރުގެ ޖުލައި މަހު ވަނީ ގާއިމުކުރެވިފައެވެ.