މިއަދު މެންދުރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި އެއާ އެރޭބިއާގެ ފުރަތަމަ ފްލައިޓާއެކު، ޝާރްޖާއިން ރާއްޖެއަށް ސީދާ ވައިގެ ދަތުރުތައް ފަށައިފިއެވެ.
މި އައު ދަތުރުތަކުގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރ ހަސަން ވަހީދާއި، އެއާ އެރޭބިއާގެ ޔޫ.އޭ.އީގެ އޭރިއާ މެނޭޖަރު ޝަހްޒަދް ނަގްވީ އަދި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މި އައު ދަތުރުތަކާއެކު މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެއާ ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ. އަދި މިފަދަ ކޮންމެ އިތުރު ކަނެކްޝަނަކުން ސަރަޙައްދީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއާ ކަމުގައިވާ އެއާ އެރޭބިއާއިން ޝާރްޖާއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ދެމެދު ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓެވެ. އެއާ އެރޭބިއާއިން މިހާރު މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރަމުންދެއެވެ.